Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 16:14
ބަންޑާރަ ނައިބު މުޙައްމަދު އަނިލް ރައްޔިތުންގެ މަޖްލީހުގެ ޖަލްސާއެއްގައި
ބަންޑާރަ ނައިބު މުޙައްމަދު އަނިލް ރައްޔިތުންގެ މަޖްލީހުގެ ޖަލްސާއެއްގައި
ގޫގުލް
ޖިނާއީ އިޖުރާތު
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
ގެންނަންޖެހޭ ބަދަލުތައް ވަނީ ފާހަގަކޮށްފަ
ބަދަލު ނުގެނެސްފި ނަމަ މައްސަލަތައް ދިމާވާނެ
ގާނޫނަށް އަމަލުކުރުން ވަނީ ޖުލައި މަހަށް ފަސްކޮށްފަ

މިހާރު އޮތް ޖިނާއީ އިޖުރާތުގެ ޤާނޫނަށް ބަދަލުތަކެއް ގެންނަން ބޭނުންވަ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

 

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކަމާއިގުޅުން ހުރި މުއައްސަސާތައް އަހުލުވެރިކުރުވުމަށް އާދިއްތަ ދުވަހު ފެށި މަސައްކަތު ބައްދަލުން ފައްޓަވައިދެއްވުމުގެ ގޮތުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ ޖިނާޢީ އިޖުރާތުގެ ބިލަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީ އެކަންކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

 

ބަންޑާރަ ނައިބު ވިދާޅުވީ ޖިނާޢީ އިޖުރާތުގެ ގާނޫނަށް މިހާރުން މިހާރަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ކަމާ ގުޅުންހުރި މުއައްސަސާތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.

 

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ކުރަން ނިންމާފައި ކުރިން އޮތީ މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މިހާރު އެގާނޫނަށް އަމަލުކުރުން ވަނީ ޖުލައި މަހަށް ފަސްކޮށްފައެވެ.

 

ބަންޑާރަ ނައިބު އަނިލް ވިދަޅުވި ގޮތުގައި ގާނޫނަށް އަމަލުކުރަން ފަށާއިރު ވެސް ގެންނަން ޖެހޭ ބައެއް ބަދަލުތައް އެބަހުއްޓެވެ.

 

ޖިނާޢީ އިޖުރާތުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ކަމާބެހޭ މުއައްސަސާތަކުން ހިއްސާކޮށްފައިވާ ކަމަށާއި މަޝްވަރާގެ ނިޒާމްގެ ތެރެއިން ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން މިދާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ، ގާނޫނަށް ގެންނަން ފެންނަ ބައެއް ބަދަލުތައް އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

 

ބިޝާމް ވިދާޅުވީ ޖިނާޢީ އިޖުރާތުގެ ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން އަންނާނެ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުވާނެފަދަ ގިނަ އިސްލާހުތަކެއް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވަ ކަމަށެވެ.

 

އެ ބަދަލުތަކަކީ ގާނޫނުގެ މަގުސަދު ހާސިލުކުރުމަށް ވަރަށް މުހިންމު ބަދަލުތަކެއް ކަމަށާއި ޕީޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިދެއްވުމަށް އެދިފައިވާ ކަމަށް ބިޝާމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް