Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2017 | ހޮނިހިރު 21:29
މަޚުލޫފް: 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަނީ މާފުށީ ޖަލުގައި
މަޚުލޫފް: 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަނީ މާފުށީ ޖަލުގައި
ރާއްޖެއެމްވީ
މާފުށީ ޖަލު
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
ގައިދީންނަށް ދޭ ކެއުން ދެރަ، ބޭސްފަރުވާ ރަނގަޅަށް ފޯރުކޮށްނުދޭ
އަދީބު ކޮންކްރީޓް ހޮހޮޅައެއްގައި އިރަށް ދޮންވާ ގޮތަށް އޮންނަތާ އަހަރެއް
ސަރުކާރާއި ވެރިންގެ އަމަލުތަކުގެ ސަބަބުން މުޅި މުއައްސަސާގެ ނަން ކިލަނބު

ގައިދީންނަށް ކާންދޭ ރިހައަކީ ގަރުދިޔަ ހާ ސާފުކޮށް "ދެފުށް ފެންނަގޮތަށް" ކައްކާފައި ހުންނަ ރިހައެއް ކަމަށާއި، އެފަދަ "ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭ ނަމަ ޖަރީމާތަކާއި، ވައްކަންތައް ހުއްޓޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް ވިދާޅުވެއްޖެ އެވެ.

 

މިހާރަކަށް އައިސް ޖަލުތަކުގައި ވާނުވާއެއް ނޭނގި ގައިދީންތަކެއް މަރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާ މަޚުލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ހުކުމް އިއްވައި ޖަލުގައި ބަންދުކުރި ފަހުން ވާނުވާއެއް ނޭނގި ފަސް ގައިދީން މަރުވެފައިވާ ކަމަށެވެ.

 

މަޚުލޫފް ވިދާޅުވީ މީހުން ޖަލަށް ލަނީ އެމީހަކު ކުރި ކުށަކަށް ދެވޭ އަދަބެއްގެ ގޮތުންކަމަށް ވާއިރު، ޖަލަށްލުމަށްފަހު ޖަލު ތެރޭގައި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައް ލިބެމުންދާ އެތައް ގައިދީންނެއް މިވަގުތު ވެސް އެބަ ތިބި ކަމަށެވެ. ގައިދީންނަށް ދޭ ކެއުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުކާނޭހާ ދެރަވަރު ކެއުމެއް ކަމަށާއި ގައިދީންނަށް ކާންދޭ ރިހައަކީ ގަރުދިޔަ ހާ ސާފުކޮށް "ދެފުށް ފެންނަގޮތަށް" ކައްކާފައި ހުންނަ ރިހައެއް ކަމަށް މަޚުލޫފް ވިދާޅުވި އެވެ.

 

ގައިދީންނާމެދުވެސް އަމަލުކުރަންވާނީ އިންސާނުންނާމެދު އަމަލުކުރާ އުސޫލުން ކަމަށް ފާހަގަކުރައްވާ މަޚުލޫފް ވިދާޅުވީ ގައިދީންނާމެދު އަމަލުކުރާ އުސޫލުތަކުގެ ސަބަބުން ބުއްދި ފިލާ ގޮސްފައިތިބި ގައިދީން މިވަގުތު މާފުށި ޖަލުގައިވެސް އެބަ ތިބި ކަމަށެވެ. އެކަށީގެންވާ ބޭސް ފަރުވާ ހަމަޖައްސައިނުދީ އެތައް ގައިއިދީންނެއް ތިބިކަން ފާހަގަކުރައްވާ މަޚުލޫފް ވިދާޅުވީ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރ ބޭސް ލިޔެދިން ފަހުން ހަތަރު މަސްދުވަސް ވީއިރުވެސް ޑޮކްޓަރ ލިޔެދިން ބޭސް ނުލިބޭ ޤައިދީން އެބަތިބި ކަމަށެވެ.

 

ޖަލުތަކާ ޕެރޯލްގެ ގާނޫނުގައި، ޖަލު އަދަބެއްގެ ގޮތުން ވިޔަސް އެކަހެރިކޮށްފައި ގައިދީއަކު ބެހެއްޓޭނީ ގިނަވެގެން އެއް މަސް ދުވަހުގެ މުއްދަތަށް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ޖަލުގައި އެކަހެރިކޮށް ބަންދުކޮށްފައި ތިބި އެތައް ޤައިދީންނެއް އެބަތިއްބި ކަމަށް އޭނާ ވިދާޅުވި އެވެ.

 

މަޚުލޫފް ވިދާޅުވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ކޮންކްރީޓް ހޮހޮޅައެއްގައި ދުވާލު ހަތަރުދަމު އިރަށް ދޮންވާ ގޮތަށް ބާއްވާފައި އޮންނަތާ އަހަރަކަށްވުރެ ގިނަދުވަސްވެއްޖެ ކަމަށާއި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވެސް ހުންނެވީ ހަމަ އެފަދަ ޙާލެއްގައި ކަމަށެވެ.

 

މަޚުލޫފް ވިދާޅުވީ އަދީބާއި އޭނާއާ ކިތަންމެ ޚިޔާލު ތަފާތު ވީނަމަވެސް އަދީބުއާމެދު ޢަމަލުކުރަމުން ގެންދާ ގޮތުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ. މަޚުލޫފް ވިދާޅުވީ މާފުށީ ޖަލުގެ ޔުނިޓް 10 ގައި، އޭނާއާއި އަދީބް ބިތްގަނޑު ޖަހައި ވަކިކޮށްފަައިވާ ބައިތަކުގައި ތިބޭއިރު، އަދީބުގެ ސިއްޙީ މައްސަލަތަކަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަން ކުރެވޭ މުޢާމަލާތްތަކުން އެނގޭ ކަމަށެވެ.

 

ފަސް ޤައިދީން މަރުވެ، އިންސާނީ ކަރާމާތްތައް ގެއްލޭގޮތަށް ޖަލުތަކުގައި ހިނގާ ކަންކަމަށް ހިއުމަންރައިޓްސް ކޮމިޝަނުންނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ސަމާލުކަން ނުދެނީ ޖަލުތަކުގައި ތިބީ ނިކަމެތި އާއިލާތަކުގެ ދަރީންނަށް ވީމައިތޯ ހިތަށް އަރާ ކަމަށް މަޚުލޫފް ވިދާޅުވި އެވެ. ނުވަތަ ސިޔާސީ ހައްޔަރީންގެ ހާލު ބަލައި، ނުހައްގުން ހުކުމް ކުރެވިފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާނޭ ހިތްވަރެއް އެބޭފުޅުންގެ ކިބައިގައި ނެތީމާތޯ ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވި އެވެ.

 

 ޖަލުތަކުގައި ހިނގަމުން ގެންދާ ހުރިހާ ޖަރީމާތަކުގެ ޒިންމާ، ރައީސް އަބްދުﷲ ޔާމީންއާއި، ހޯމް މިނިސްޓަރާއި، ކަރެކްޝަންސްގެ އިސްވެރިންނާއި، އަދި ކަމާ ގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ އިސްވެރިން ފުރިހަމައަށް ނަންގަވަން ޖެހޭނެެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ޖަލުތަކުގައި ތިބޭ ކަރެކްޝަނުގެ އޮފިސަރުންނާއި، މުވައްޒަފުން ޖުމުލަ ގޮތެއްގައި ރަނގަޅުކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ ސަރުކާރާއި، ކަރެކްޝަންސްގެ އިސްވެރިންގެ އިޙްމާލާއި، އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމުވެ، އެކަމުގެ ޒިންމާ ކަރެކްޝަންސްގެ އޮފިސަރުންގެ ބޮލުގައި އެޅޭކަމުގެ ކަންބޮޑުވުން އޭނާއާ ހިއްސާކޮށްފައިވާ ކަމަށެވެ.

 

ޖަލުތަކުގައި ޤާނޫނާ ގަވާއިދުތަކާ ޚިލާފަށް ހިންގާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށާއި، ޤައިދީންގެ ސިއްހީ ކަންކަމަށް އިޙްމާލު ނުވެ، އަދި އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ހިންގަމުން ގެންދާ ކަންކަން ވަގުތުން ހުއްޓާލުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި، ޖަލުތަކުގެ އިސްވެރިންނަށް މަޚުލޫފް ގޮވާލެއްވި އެވެ.

 

ދެ އޮފިސަރުންގެ ކުރިމަތީގައި ގައިދީން އެއްކޮށް ބަރަހަނާކޮށް، ލަދުވެތި ގުނަވަންތައް ހިއްލައިގެން ބަލާ، ގުދުކޮށް ބާއްވާ ފުރަގަސްފަރާތް ފޭކޮށްގެން ބަލާފާސްކުރުން ވަގުތުން ހުއްޓާލުމަށްވެސް މަޚުލޫފް ގޮވާލެއްވި އެވެ. އޭގެ ބަދަލުގައި މެޓަލް ސާރޗް، ޕެޓްޑައުން ސާރޗް، އަދި ތުވާލި އަންދަވައިގެން ކުރާ ސްޓްރިޕް ސަރޗްފަދަ މެތަޑްތައް ބޭނުންކުރުމަށް ހަރުކަށިކޮށް ގޮވާލާ ކަމަށް އޭނާ ވިދާޅުވި އެވެ. އިތުރަށް ބަރަހަނާކޮށްގެން ބަލާފާސްކުރަންޖެހޭނަމަ އެކަމަށް ބޭނުންވާ އާލާތްތައް ހޯއްދަވައިގެން އިންސާނީ ކަރާމާތަށް ހުތުރުނުވާނޭގޮތް ބަލައިގެން އެކަން ކުރުން ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޚުލޫފު ވިދާޅުވީ އޭނާ ޖަލަށްލުމާއެކު، ކުރިން ޤައިދީންނަށް ދެމުން ގެންދިޔަ ދެ ގަޑިއިރުގެ ޢާއިލީ ބައްދަލުވުން އެއް ގަޑިއިރަށް ބަދަލުކޮށް، އެކަހެރި ބައްދަލުވުމަށް ދެމުން ގެންދިޔަ 24 ގަޑިއިރުގެ ބައްދަލުވުން 12 ގަޑިއިރަށް މަދުކޮށްފައިވާތީ ހިތާމަކުރާ ކަމަށެވެ.

 

މަޚުލޫފް ވިދާޅުވީ އޭނާ އަށް ޖެއްސުންކުރުމުގެ ނިޔަތުގައި ހުރިހާ ޤައިދީންނަށް ލިބެމުންދިޔަ އިނާޔަތެއް ހުއްޓާލުމަކީ އިންތިހާއަށް ދެރަވާ ކަމެއް ކަމަށާއި އާއިލީ ބައްދަލުވުމުގައި ގެއިން ކައްކައިގެން ކާއެއްޗެހި ގެނައުންވެސް މިހާރު މަނާކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް