އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ފޯނު، އޭނާ ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓްގެ ފާހަނަ ތަށިތެރެއަށް ވެއްޓިއްޖެއެވެ.
ރޮޒެއިނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފްލައިޓްގެ ފާހަނާ ތައްޓަށް ފޯނު ވެއްޓުނީ މާލެ އިން ތިމަރަފުއްޓަށް ކުރި ދަތުރުގައި ކަމަށެވެ.
ފޯނު ވެއްޓުނުކަން ރޮޒެއިނާ ފްލައިޓުގެ ކުރޫއަށް އެންގުމުން، ޕައިލެޓްއާއި ވާހަކަ ދެއްކުމަށް ފަހު ކުރޫއިން ބުނީ ފޯނު ނެގޭނީ ތިމަރަފުއްޓަށް ފަހު ދާން އޮތް ކައްދޫއަށް ފްލައިޓް ޖެއްސުމަށް ފަހު އަނބުރާ މާލެ ދިޔުމުން ކަމަށެވެ. ރޮޒެއިނާގެ ފޯން ވަނީ ފްލައިޓްގެ ފާޚާނައިގެން ނަޖިސްދާ ޓޭންކްތެރެއަށް ގޮސްފަ އެވެ.
 
 ރޮޒެއިނާގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ ފޯނު އެހާ ބޭނުންވެގެން އުޅުނީ އޭގައި ހުރި ދަރިންނާއި ސްކޫލް އިވެންޓްތަކުގެ ފޮޓޯތައް ވެސް ހުރުމުން ކަމަށެވެ. އަދި މި ފޮޓޯތަކުގެ ބެކްއަޕް ވެސް ހެދިފައި ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވަނީ ފޯނު އަނބުރާ ރައްދުކޮށް ދިނުމުން މޯލްޑިވިއަން އަށާއި ފްލައިޓުގެ ކްރޫއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. ރޮޒެއިނާ ވަނީ ފާހަނާއަށް ފޯނު ނުގެންދިޔުމަށް އޭނާގެ ޕޯސްޓުގައި އިލްތިމާސް ކޮށްފައެވެ.
 
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
