ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 13:26
ރިހާނާ
ރިހާނާ
ޝަޓާ ސްޓޮކް
ރިހާނާ
ރިހާނާގެ ފޭނުންގެ އިންތިޒާރުތަކަށް ނިމުމެއް: އަންނަ އަހަރު އަލްބަމެއް ރިލީޒްކުރަނީ
ރިހާނާގެ އަލްބަމެއް އެންމެ ފަހުން ރިލީޒްކޮށްފައިވަނީ 2016 ވަނަ އަހަރު

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާގެ ފޭނުން އޭނާގެ އާ އަލްމަބަމަކަށް ކުރަމުންދާ އިންތިޒާރު އަންނަ އަހަރު ނިމިގެންދާނެއެވެ.

ބާބެޑޯސްއަށް ނިސްބަތްވާ 30 އަހަރުގެ ރިހާނާގެ އަލްބަމެއް ނިކުންނާނެ ދުވަހަކާ މެދު އޭނާގެ ފޭނުން ސުވާލު ކުރަމުންދާތާ އެތައް މަހެއް ވެފައިވާއިރު، އޭނާ މިހާރު ވަނީ 2019 ވަނަ އަހަރު އަލްބަމެއް ރިލީޒްކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ރިހާނާގެ އަލްބަމެއް އެންމެ ފަހުން ރިލީޒްކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. އެއީ އޭނާގެ އަށް ވަނަ ސްޓޫޑިއޯ އަލްބަމް ކަމަށްވާ 'އެންޓި' އެވެ.

އެ އަށް ފަހު ރިހާނާ ބޮޑަށް ކުރަމުން އަންނަނީ އޭނާގެ 'ފެންޓީ ބިއުޓީ ލައިން' އާއި 'ސެވޭޖް' ލޯންޖްރޭ ލައިންތަކުގެ މަސައްކަތެވެ. މީގެ އިތުރުން، 2018 ވަނަ އަހަރު ވެގެން ދިޔައީ ރިހާނާއަށް ފިލްމީ ދުނިޔޭގައި ކާމިޔާބު އަހަރަކަށެވެ. ގިނަ އަންހެން ތަރިންތަކާ އެކު 'އޯޝަންސް 8' ފިލްމުން އޭނާ ފެނިގެންދިޔައެވެ.

ލައިންތަކުގެ ޕްރޮމޯޝަން މަސަައްކަތުގައި އޭނާ އުޅޭ އިރު އެންމެ ގިނައިން މީހުން ކުރާ ސުވާލަކީ އޭނާގެ އާ ލަވަތަކެއް އަޑު އިވޭނެ ދުވަހެއްގެ ވާހަކައެވެ.

އެގޮތުން، ނިމިގެންދިޔަ ހަފްތާ ބަންދުގައި 'ފެންޓީ'ގެ ޕްރޮމޯޝަނެއް އިންސްޓަގްރާމްގައި ޕޯސްޓް ކުރުމުން އަލްބަމްގެ ރިލީޒް ޑޭޓް ބުނެދޭން ފޭނެއް އެހުމުން ރިހާނާ ބުނެފައި ވަނީ، "2019ގައި" ކަމަށެވެ. ނަމަވެސް، މި އަލްބަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އޭނާ ހާމަކޮށްފައެެއް ނުވެއެވެ.

އަންނަ އަހަރު އަލްބަމެއް ރިލީޒް ކުރާނެކަން ރިހާނާ ހާމަކޮށްފައިވާއިރު، އަލުން ސްޓޫޑިއޯގައި މަސައްކަތް ކުރަމުންދާކަމުގެ އިޝާރާތެއް އޭނާވަނީ މި އަހަރުކޮށްފައެވެ.

ހޮލީވުޑްގެ މަޝްހޫރު ރެޕް އާޓިސްޓް އަދި މިއުޒިކް ޕްރޮޑިއުސަރ ޖޭ-ޒީގެ އެހީއާކު 2005 ވަނަ އަހަރު ދުނިޔެއަށް ތައާރަފްވެގެންދިޔަ ރިހާނާއަކީ މިހާރު 'ޕޮޕް އައިކަން' އެކެވެ.

އޭނާގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި 'ޕޮން ޑި ރިޕްލޭ،' 'އަމްބްރެއްލާ،' 'އަންފެއިތުފުލް،' 'ވީ ފައުންޑް ލަވް،' އަދި 'ޑައަމަންޑްސް' ހިމެނެއެވެ.

އޭނާ ވަނީ މިހާތަނަށް ނުވަ ގްރެމީ އެވޯޑާއި 13 އެމެރިކަން މިއުޒިކް އެވޯޑާއު 12 ބިލްބޯޑް މިއުޒިކް އެވޯޑް ހާސިލްކޮށްފައެވެ.

- ކޮމެންޓް