ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ތާރިގު ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި ކަޅުވަކަރު މިސްކިތް ރޭވުމަށް ކުރާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާން ބޭނުންވާ އާންމު ފަރާތްތަކަށާއި ސްކޫލް ކުދިންނަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މިހާރުވެސް ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ޝައުގުވެރިކަން ހުރެގެން ބައިވެރިވާ ބޭނުންވެގެން ވަރަށް ގިނަ ފަރާތްތަކުން ގުޅުއްވަމުން ގެންދަވާ ކަމަށް ތާރިގު ވިދާޅުވިއެވެ. އަދި ސްކޫލް ކުދިންނަށް މި ފުރުސަތު ދިނުމުގެ ބެނުމަކީ އެދާއިރާއިން ކިޔަވަން ދިއުމުގެ ޝައުގުވެރިކަން އުފެއްދުން ކަމަށާއި، މަސައްކަތުގެ ބައިވެރި ވުމުގެ ނަތީޖާއެއްގެ ގޮތުން މިދާއިރާއިން ތައުލީމް ހާސިލް ކުރުމުގެ ޝައުގުވެރިކަން އުފެއްދުން ކަމަށެވެ.
ތާރިގު ވިދާޅުވީ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީ އުފައްދާފައިވަނީ މި ސަރުކަރުން ވަރަށް ބޮޑު އުއްމީދަކާއި ވަރަށް ބޮޑު ވިސްނުމެއް އޮތުމުން ކަމަށާއި އެ އުއްމީދު ހާސިލް ކުރެވޭނީ މި ދާއިރާއިން ކުދިން ތައުލީމް ހާސިލް ކޮށްގެން ކަމަށެވެ. އަދި މި ސަރުކާރުން މި ދާއިރާއިން ކިޔަވަން ދިޔުމުގެ ފުރުސަތު ފަހިކޮށް ދޭނެކަމަށް އުއްމީދު ކުރާ ކަމަށް ތާރިގު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަން ހާމަކޮށްފައިވާ އިރު ފުރަތަމަ 90 ދުވަހުގެ ތެރޭގައި ކަޅުވަކަރު މިސްކިތް ހޯދައި އެމިސްކިތް ރޭވުމަށްވަނީ ނިންމާފައެވެ.
ސަލްޓަން ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް ނަގާފައި ވަނީ، 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެ މިސްކިތް ނެގުމަށްފަހު ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެތަނުގައި ވިންޓަ ޕާކެއް އަޅާފައެވެ.
އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ރަށްރަށުގައި ހުރި ތަރިކަ އާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތަކެތި ހިމާޔަތް ކުރުން އެންމެހާ ފަރާތްތަކަށް ލާޒިމުވާ ގޮތަށް ގާނޫނީ ޒިންމު ކަނޑައަޅާ، ތަރިކައިގެ ލިސްޓެއް އެކުލަވާލެވި، ހަރުދަނާ އުސޫލަކުން އާސާރު ބަލަހައްޓަން ފަށަން ވަނީ ނިންމާފައެވެ. އަދި އަލަށް އެކުލަވާލެވުނު ކެބިނެޓްގައި ތާރީހީ ތަރިކަ ހިމާޔަތް ކުރުމަށް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމުގައި މުޅިން އާ މިނިސްޓްރީ އެއް ވަނީ އުފައްދަވާފައެވެ.