ކ. މާލެ
|
23 ޑިސެންބަރ 2018 | އާދީއްތަ 19:19
އާސެނަލްއަށް ކުޅެމުން އަންނަ ރަމްސީ
އާސެނަލްއަށް ކުޅެމުން އަންނަ ރަމްސީ
ގެޓީ އިމޭޖަސް
އާރޮން ރަމްސީ
ރަމްސީ ހޯދުމުގެ ރޭހުގައި ޔުވަންޓަސް ވެސް ބައިވެރިވެއްޖެ
ރަމްސީގެ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ

އާސެނަލްއަށް ކުޅެމުން އަންނަ ވޭލްސްގެ މިޑްފިލްޑަރު އާރޮން ރަމްސީ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެއެވެ.

އިޓަލީގެ ނޫސްތަކުން ބުނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށްގެން ރަމްސީ ހޯދުމަށް ޔުވަންޓަސްއިން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޔުވަންޓަސްއިން ރަމްސީ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އޭނާ ހޯދުމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ އިތުރުން ބަޔާން މިއުނިކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކުރިޔަށް އޮތް ސީޒަނަށް ފަހު އާސެނަލްއާ އެކު ރަމްސީ ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ބެލެވޭ ގޮތުގައި މި ޓްރާންސްފާގައި އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ.

ކާޑިފް ސިޓީން 2006 ވަނަ އަހަރު ކެރިޔަރު ފެށި ރަމްސީ ވަނީ އެ ކްލަބަށް 22 މެޗު ކުޅެ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ކާޑިފް ދޫކޮށް ރަމްސީ އާސެނަލް އަށް ބަދަލުވީ 2008 ވަނަ އަހަރެވެ.

ރަމްސީ ވަނީ އާސެނަލްއާ އެކު ހޭދަކުރި 10 ސީޒަނުގައި އެ ޓީމަށް މިހާތަނަށް ކުޅުނު 350 މެޗުގައި 63 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ޓީމާ އެކު ތިން އެފްއޭކަޕް އަދި ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

އާސެނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފަވާ ރަމްސީ ވަނީ ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ދެ ފަހަރު ހޯދާފައެވެ.

މީގެ އިތުރުން ރަމްސީ ވަނީ ވޭލްސް ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 58 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް