ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 09:35
ލިވަޕޫލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ލިވަޕޫލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ވޮލްވްސް ބަލިކޮށް ލިވަޕޫލަށް ހަތަރު ޕޮއިންޓްގެ ލީޑެއް
ލިވަޕޫލް އޮތީ 48 ޕޮއިންޓާއެކު އެއްވަނައިގައި

ޕްރިމިއާ ލީގުގައި ވޮލްވްސް ބަލިކޮށް ލިވަޕޫލުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ވޮލްވްސްއާ ވާދަކޮށް ލިވަޕޫލުން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ވޮލްވްސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ލިވަޕޫލުންނެވެ. އެގޮތުން އެޓީމުން ދިޔައީ ވޮލްވްސްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

ލިވަޕޫލުން މެޗުގެ ލީޑު ނެގީ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަބީނިއޯގެ އެހީތެރިކަމާއެކު މުހައްމަދު ސަލާހުއެވެ. މި ލަނޑާއެކު ސަލާހު ވަނީ ލިވަޕޫލާއެކު އޭނާ ކުރިމަތިލި 22 ޓީމުގެ ތެރެއިން 20 ޓީމު ކޮޅަށް ލަނޑު ޖަހާފައެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވޮލްވްސްގެ މައްޗަށް ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތައް މި ހާފްގައިވެސް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

މުޅި މެޗުގައިވެސް ވޮލްވްސްގެ ފަރާތުން މާގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެޓީމަށް އުފެއްދުނު މަދު ހަމަލާތަކުގެ ބޭނުންވެސް މާއެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ލިވަޕޫލުން ލީޑު ފުޅާކުރީ 68 ވަނަ މިނެޓުގައެވެ. މި ލަނޑު ސަލާހުގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ވެންޑައިކްއެވެ. މި ލަނޑަށްފަހުވެސް ލީޑު އިތުރަށް ފުޅާކުރަން އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 18 މެޗުން ލިބުނު 48 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ވޮލްވްސް އޮތީ ކުޅުނު 18 މެޗުން ލިބުނު 25 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ.

ލީގުގައި ހޮނިހިރު ދުވަހު ކުޅޭ މެޗުތަކަށްފަހު ޕޮއިންޓް ތާވަލަށް ބަދަލުތަކެއް އަންނާނެއެވެ. ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮތް ސިޓީއަށް 17 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޓޮޓެންހަމްއަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 37 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް