ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 19:25
ގަލޮޅު ދަނޑުގައި އިންމަގެ ބެނާއެއް
ގަލޮޅު ދަނޑުގައި އިންމަގެ ބެނާއެއް
ފޭސްބުކް
އިންމަގެ ރިޓަޔަރމެންޓް
ޝުމައިކަލް ހިމެނޭ ޓީމާ ދެކޮޅަށް ކުޅޭ އިންމަގެ ޓީމު އިއުލާންކޮށްފި
މެޗު ކުޅޭނީ މި މަހު 29 ގައި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލުކީޕަރު އިމްރާން މުހައްމަދު (އިންމަ) ގައުމީ ޓީމުން ރިޓަޔާ ކުރުމަށް ޝުމައިކަލް ހިމަނައިގެން އެފްއޭއެމް އިން ނެރޭ ޓީމާ ދެކޮޅަށް ކުޅޭ އިންމަގެ ޓީމު އިއުލާންކޮށްފިއެވެ.

އެފްއޭއެމް އާއި މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ބާއްވާ މި މެޗުގައި އިންމަގެ ޓީމުގައި ގިނައިން ހިމެނެނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކުޅުންތެރިންނެވެ.

އެގޮތުން ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ކާމިޔާބުކުރި ޓީމުން އިންމަގެ ޓީމަށް ނަގާފައިވަނީ އައްސަދު އަބްދުލް ގަނީ އާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ އުމަރާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ތޯރިގް (ޓޮމް) އާއި ސޮބާހު މުހައްމަދު އާއި މުހައްމަދު ޖަމީލް އާއި މުޚުތާރު ނަސީރު (ޓޫކިލޯ) އާއި އިސްމާއިލް މުހައްމަދު (އިއްސޭ) އާއި އަހުމަދު ސައީދު (އައްމަޓީ) އާއި މުހައްމަދު ސިފާން (ކުޑައްޓޭ) އާއި މުހައްމަދު އުމެއިރު އަދި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

މީގެއިތުރުން ހިމެނެނީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބްލީގައި އިންމައާއެކު ކުޅުނު ކުޅުންތެރިންނެވެ. އެއީ އާދަމް އަބްދުއްލަތީފް (ލައްޗޭ) އާއި ޝާހު އިސްމާއިލް (ސާޔާ) އާއި މުހައްމަދު އިބްރާހިމް (ކައްޕި) އާއި ތޮއްޑޫ މުހައްމަދު ނިޒާމް އާއި އަލީ ޝިހާމް (ހުރާ އައްޔަ) އާއި އަޝްރަފް ލުތުފީ (ސަމްޕަތު) އާއި މައުސޫމް އަބްދުލްގަފޫރު (މާސޭ)، އަންވަރު އަލީ އާއި އަހުމަދު ޝާހިދު (ސާބެ) އެވެ.

އިންމަގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އޭނާ އަށް 2000 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައިދިން އޭރުގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ. އެސިސްޓަންޓް ކޯޗުންނަކީ އެ މުބާރާތުން ފެށިގެން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ ހަމަޔަށް ގައުމީ ޓީމުގެ އެސިސްޓަންޓުންގެ ގޮތުގައި ތިބި މުހައްމަދު ޝިޔާޒް (މޯހަން) އާއި އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ. ގޯލްކީޕަރު ޓްރޭނަރަކަށް ހަމަޖައްސާފައިވަނީ ގައުމީ ޓީމުގައި ގިނަ ދުވަސްތަކެއް ވަންދެއް އިމްރާނަށް ތަމްރީނުދިން މުހައްމަދު އިގްބާލެވެ. މެނޭޖަރަކީ އެފްއޭއެމްގެ ކުރީގެ އިންޓަރިމް ކޮމިޓީގެ ޗެއާމަން އަދި ގައުމީ ޓީމުގެ މެނޭޖަރުކަންކޮށްފައިވާ އަހުމަދު ޝާހިރެވެ.

މެޗުގައި މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ޕީޓާ ޝުމައިކަލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝެލް ސަލްގާޑޯ ކުޅޭނެއެވެ. މި ދެ ކުޅުންތެރިންވެސް މެޗުގައި ކުޅޭއިރު، މެޗު ބެލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް އިންމަ އެދެއެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހު 29 ވަނަ ދުވަހުއެވެ. މެޗަށް އެފްއޭއެމުން ބޭނުންކުރާ ފުރަތަމަ 11 ވަރަށް އަވަހަށް އިއުލާންކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް