ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 17:48
އެފްއޭއެމްގެ ރައީސް ބައްސާމް
އެފްއޭއެމްގެ ރައީސް ބައްސާމް
މިހާރު
މަަހްލޫފަށް ރައްދުދިނުން
އެފްއޭއެމުން މަހުލޫފަށް ރައްދު ދީފި
އެފްއޭއެމުން ވަނީ މިނިސްޓަރު މަހުލޫފަށް ފާޑުކިޔާފައި

ޔޫތް މިނިސްޓްރީން އެކުލަވާލާފައިވާ "ފެކްޓް ފައިންޑިން ކޮމިޓީ" އިން ބަލަނީ ދައުލަތުން ފުޓުބޯޅަ އަށް ހަރަދުކުރާ ފައިސާއަށް ވީގޮތް ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވުމުން އެފްއޭއެމުން ރައްދު ދީފިއެވެ.

އެފްއޭއެމުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، 10 ޑިސެމްބަރު 2018 ވަނަ ދުވަހު ސޯޝަލް މީޑިއާގައި މިނިސްޓަރު މަހުލޫފް ހާމަކޮށްފައިވަނީ އޭއެފްސީ ކަޕްގައި ދިވެހި ކްލަބްތަކަށް ބައިވެރިނުވެވުނު ސަބަބު ހޯދައި އިސްލާހު ކުރަންޖެހޭ ކަންކަން ބެލުމަށް ފެކްޓް ފައިންޑިން ކޮމެޓީއެއް އެކުލަވާލި ވާހަކަ ކަމަށެވެ. އެހެން ނަމަވެސް 19 ޑިސެމްބަރު 2018 ގައި މަހުލޫފް ކުރެއްވި ޓްވީޓްގައި ކޮމެޓީން ބަލާނީ ދައުލަތުން ފުޓުބޯޅަ އަށް ހަރަދުކުރި ފައިސާއަށް ވީގޮތް ކަމަށް ހާމަކުރުމުން ކުއްލި ސިހުމެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެފްއޭއެމުން ބުނީ ޒިންމާދާރުކަން ކުޑަގޮތަށް އެކިފަހަރު އެކިގޮތަށް ސޯޝަލް މީޑިއާގައި މިނިސްޓަރު މަހުލޫފް ހާމަކުރާ މައުލޫމާތުގެ ސަބަބުން ކްލަބްތަކާއި، އެސޯސިއޭޝަންގެ ހައިބަތައް އުނިކަން އަންނަމުންދާ ކަމަށެވެ.

އެފްއޭއެމުން ބުނީ އެފްއޭއެމް އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ "އޭ" ގްރޭޑް ފެންވަރުގެ އޮޑިޓަރުން ލައްވާ، ކޮންމެ އަހަރަކު އެއްފަހަރު އޮޑިޓްކުރެވެމުންދާ މުއައްސަސާއެއް ކަމަށާއި، ކޮންމެ އަހަރަކުވެސް އަހަރީ އާންމު ޖަލްސާގައި، އޮޑިޓް ރިޕޯޓް އަދި އަހަރީ ބަޖެޓް ހުށަހެޅި ފާސްކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވާ ކަމަށެވެ.

މީގެއިތުރުން އެފްއޭއެމުން ބުނީ ފީފާ އަދި އޭއެފްސީން ކޮންމެ އަހަރަކު އިންޓަނޭޝަނަލް އޮޑިޓަރ އާނެސްޓް އެންޑް ޔަންގް، ކޭޕީއެމްޖީ ފަދަ އޮޑިޓް ފާމްތަކުން އޮޑިޓްކުރަމުންދާ ކަމަށާއި، ފީފާގެ ފައިނޭންޝިއަލް ރެގިއުލޭޝަންގެ ދަށުން ފީފާގެ މެމްބަރު އެސޯސިއޭޝަންތަކަށް ސަޕްރައިސް އޮޑިޓް ވިޒިޓް ޓީމްތައް އައިސް އޮޑިޓް ކުރަމުންދާ ކަމަށެވެ. އެގޮތުން އެފްއޭއެމްއަށް ވެސް އެފަދަ ޓީމްތައް ކޮންމެ އަހަރަކު އައިސް އޮޑިޓް ކުރާ ކަމަށެވެ.

އެފްއޭއެމުން ބުނީ ކުރިއެކޭވެސް އެއްފަދައިން މިނިސްޓީން ބޭނުންވެއްޖެނަމަ އެފްއޭއެމް އަށް ދޭ ފައިސާ ހަރަދުވި ގޮތުގެ ތަފްސީލް މިނިސްޓްރީއަށް ހުށަހެޅުމަށްޓަކައި ދެވެން އޮތް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި އެސްއޯއީގެ ދަށުން ކްލަބްތަކަށް ސްޕޮންސާގެ ގޮތުގައި ދޫކުރާ ފައިސާ ހަރަދުވި ގޮތުގެ ރިޕޯޓް ކުންފުނިތަކަށް ހުށަހަޅާ ކަމަށްވެސް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް