ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 21:06
ޔުނައިޓެޑަށް ކުރިން ކުޅުނު ސްޓްރައިކަރު އޮލް ގަނާ ސޮލްޝާ
ޔުނައިޓެޑަށް ކުރިން ކުޅުނު ސްޓްރައިކަރު އޮލް ގަނާ ސޮލްޝާ
ޓްވިޓަރ
އޮލް ގަނާ ސޮލްޝާ
ޔުނައިޓެޑުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ ސޮލްޝާ ހަމަޖައްސައިފި
ސޮލްޝާ ހަމަޖެއްސީ މި ސީޒަނުގެ ނިޔަލަށް

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗަކަށް އެޓީމަށް ކުރިން ކުޅުނު ސްޓްރައިކަރު އޮލް ގަނާ ސޮލްޝާ ހަމަޖައްސައިފިއެވެ.

ޔުނައިޓެޑުގެ ކޯޗުކަމަށް ސޮލްޝާ ހަމަޖައްސާފައި ވަނީ މި ސީޒަނުގެ ނިޔަލަށެވެ. އޭނާއާ އެކު އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރާނީ ކުރީގެ ކުޅުންތެރިޔާ އެ ކްލަބްގެ ކުރީގެ ކުޅުންތެރިޔާ މައިކަލް ކެރިކް އަދި ކިއެރަން މެކޭނާއެވެ.

ސޮލްޝާ ބުނީ ޔުނައިޓެޑަކީ އޭނާގެ ހިތުގައި އަބަދުވެސް އޮންނަ ކްލަބެއް ކަމަށާއި، ކޯޗެއްގެ ގޮތުގައި ޓީމާ ހަވާލުވުމަކީ އޭނާ އަށް ލިބުނު އުފަލެއް ކަމަށެވެ. އެގޮތުން ޓީމާއެކު މަސައްކަތް ކުރަން ކެތްމަދުވެފައި ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސޮލްޝާއާ ބެހޭ ގޮތުން ޔުނައިޓެޑުގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ވިދާޅުވީ، ސޮލްޝާއަކީ ޔުނައިޓެޑުގެ ތާރީހުގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި، ކޯޗެއްގެ ގޮތުގައި ޓީމަށް ކުރިއެރުން ގެނެސްދޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

ސޮލްޝާ ވަނީ ޔުނައިޓެޑަށް 1996 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ކުޅެފައެވެ. އެ މުއްދަތުގައި އޭނާ ވަނީ އެ ކްލަބަށް ކުޅުނު 366 މެޗުގައި 126 ލަނޑު ކާމިޔާބުކޮށްފައެވެ.

 

ޔުނައިޓެޑަށް ކުޅުން ހުއްޓާލުމަށްފަހު ސޯލްޝާ ކޯޗިން ކެރިޔަރު ފެށީ އެ ކްލަބުގެ ރިޒާވް ޓީމުންނެވެ. އެގޮތުން 2008 ވަނަ އަހަރު ރިޒާވް ޓީމާ ހަވާލުވެ އޭނާ ވަނީ ތިން އަހަރު މަސައްކަތް ކޮށްފައެވެ.

އެ އަށް ފަހު 2011 ވަނަ އޭނާ ބަދަލުވީ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން ކުޅުނު ކްލަބް މޯލްޑޭ އަށެވެ. އެއަށްފަހު ކާޑިފް އަށް ކޯޗުކޮށްދިނުމަށް ފަހު އަނެއްކާ ވެސް އޭނާ ވަނީ މޮލްޑޭގެ ކޯޗުކަމާ ހަވާލުވެފައެވެ. އޭނާ ޔުނައިޓެޑުގެ ސީނިއާ ޓީމުގެ ކޯޗުކަމާ ހަވާލުވީ މޮލްޑޭއަށް ކޯޗުކަމުން ވަކިވުމަށްފަހުއެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ ސޮލްޝާ ހަވާލުވިއިރު އެޓީމު އޮތީ ލީގުގައި 26 ޕޮއިންޓާއެކު ހަ ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ އެޓީމާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އޮތް އިރު ހަތަރު ވަނައިގައި އޮތް ޗެލްސީއާ 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ސޯލްޝާގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ޔުނައިޓެޑު ނިކުންނާނީ ކުރިން ކޯޗުކޮށްދިން ކާޑިފް ސިޓީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް