ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 17:14
ސަލްގާޑޯ (ކ) އާއި އިންމަ (މ) އަދި ޝުމައިކަލް (ވ)
ސަލްގާޑޯ (ކ) އާއި އިންމަ (މ) އަދި ޝުމައިކަލް (ވ)
ފޭސްބުކް
އިމްރާން ރިޓަޔާކުރުން
އިންމަގެ ވަދާއީ މެޗު މި މަހު 29 ގައި، ޝުމައިކަލް އާއި ސަލްގާޑޯ ބައިވެރިވާނެ
މެޗަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް އެދޭ
ޝުމައިކަލް ކުޅޭނީ އިންމައާ ދެކޮޅަށް
ބައްދަލުކުރާނީ އިންމަގެ ޓީމަކާއި، އެފްއޭއެމުން ހޮވާލާ ޓީމެއް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ގައުމީ ޓީމަށް ކުޅޭ ވަދާއީ މެޗު މި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެ މެޗަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު، ޑެންމާކްގެ ޕީޓާ ޝުމައިކަލް އަދި ސްޕެއިންގެ މިޝޭލް ސަލްގާޑޯ ބައިވެރި ކުރުމަށް ނިންމައިފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއާ ގުޅިގެން ކީޕަރު އިންމަގެ ރިޓަޔާމެންޓް މެޗު ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، އެ މެޗުގައި ޝުމައިކަލް އާއި ސަލްގާޑޯ ވެސް ބައިވެރިވާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކި އިންމަ ބުނީ، މޯލްޑިވްސް ފުޓްބޯލް އެވޯޑާ ގުޅިގެން އޭނާގެ ރިޓަޔާމެންޓް މެޗު ރޭވުމާ އެކު، ވަރަށް އުފާވެފައި ހުރި ކަމަށާއި، މި މެޗު ބެލުމަށް ވީހާ ވެސް ގިނަ މީހުން ދަނޑަށް ވަނުމަކީ ވެސް އެދޭ ކަމެއް ކަމަށް ވެސް އިންމަ ވަނީ ބުނެފައެވެ.

ޝްމައިކަލް އާއި ސަލްގާޑޯ

މި މެޗުގައި ބައްދަލުކުރާނީ އިންމަ ހޮވާލާ ޓީމަކާއި، އެފްއޭއެމުން ހޮވާލާ ޓީމެކެވެ. އެގޮތުން ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅެ ކާމިޔާބީ ހޯދާފައިވާ އިންމަ ބުނީ، އޭނާގެ ޓީމުގައި ބޮޑަށް ހިމެނޭނީ 2000 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށިއިރު، އޭރު ހިމެނުނު ކުޅުންތެރިން ކަމަށާއި، އޭގެ އިތުރުން ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ނެގިއިރު، ޓީމުގައި ހިމެނުނު ތިން ކުޅުންތެރިއަކު ވެސް ހިމަނާނެ ކަމަށެވެ. އަދި ޓީމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަކީ ވެސް އެކުގައި ކުޅުނު ކުޅުންތެރިންކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ރާއްޖޭ ގައުމީ ޓިމަށް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ އިންމަގެ ޓީމުން ފެންނާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައި ވަނީ އެންމެ ކުޅުންތެރިޔެކެވެ. އެއީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އަދި ޓީމުގެ ކޯޗަކަށް ގެންނާނީ އޭނާއަށް ކުރިން ކޯޗުކޮށްދިން ބޭރު ކޯޗެއް ކަމަށް ވެސް އިންމަ ވަނީ ބުނެފައެވެ.

މެޗުގައި ޝުމައިކަލް އާއި ސަލްގާޑޯ ބައިވެރިވާއިރު، ޝުމައިކަލް ކުޅޭނީ އެފްއޭއެމްގެ ޓީމަށް ކަމަށް ޖަވާ ވަނީ ވިދާޅުވެފައެވެ. އަދި މެޗު ބެލުމަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް އެދޭ ކަމަށް ޖަވާ ވަނީ ވިދާޅުވެފައެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހު 29 ވަނަ ދުވަހުއެވެ. މި މެޗަށް ދެ ޓީމުން ވެސް ބޭނުންކުރާ ކުޅުންތެރިން ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް