ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 17:29
ރެއާލް އަށް ކުޅެމުން އަންނަ ކޭލޯ ނަވާސް
ރެއާލް އަށް ކުޅެމުން އަންނަ ކޭލޯ ނަވާސް
އޭޕީ
ކޭލޯ ނަވާސް
ޖެނުއަރީ ޓްރާންސްފާގައި ނަވާސް ރެއާލް ދޫކޮށްނުލާނެ
ނަވާސްގެ އެއްބަސްވުން ހަމަވާނީ 2020 ގައި

ކުރިޔަށް އޮތް ޖެނުއަރި ޓްރާންސްފާގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޭލޯ ނަވާސް އެ ކްލަބް ދޫކޮށްނުލާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާސާ އިން ބުނީ ރެއާލްގެ ފުރަތަމަ 11 އިން ފުރުސަތު ނުލިބޭތީ ނަވާސް ހުރީ ހިތްހަމަ ނުޖެހިފައި ކަމަށާއި، ނަމަވެސް ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.  

ރިޕޯޓްތައް ބުނާގޮތުން ނަވާސް ބޭނުންވާވަރުގެ އެއްބަސްވުމެއް މިހާތަނަށް އެއްވެސް ކްލަބަކުން ހުށަހަޅާފައިނުވާ ކަމަށާއި، އެގޮތުން އޭނާ ކްލަބް ދޫކޮށްލަން ވިސްނަމުން އަންނަނީ މި ސީޒަނަށްފަހު ކަމަށެވެ.

މިކަމާ ގުޅިގެން ރެއާލް އަދި ނަވާސްވެސް އެއްވެސް އެއެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ފުރަތަމަ 11 އިން ފުރުސަތު ނުލިބޭތީ ހިތްހަމަ ނުޖެހޭ ކަމަށް ނަވާސް މީގެކުރިން ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ނަވާސް ހިތްހަމަ ނުޖެހިފައި ހުރީ ރެއާލް އަށް ޗެލްސީގެ ކުރީގެ ކީޕަރު ތިބޯޓް ކޯޓުއާ ގުޅުނު ހިސާބުންނެވެ. ކޯޓުއާ ކްލަބާ ގުޅުނު ހިސާބުން ފެށިގެން ނަވާސް އަށް ފުރަތަމަ 11 އިން ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ.

މި ސީޒަނުގައި ރެއާލް އަށް ނަވާސް ކުޅެފައިވަނީ މިހާތަނަށް 8 މެޗެވެ. ކޯޓުއާ ވަނީ ރެއާލްއާ ގުޅި މިހާތަނަށް އެޓީމަށް މި ސީޒަނުގައި 17 މެޗު ކުޅެދީފައެވެ.

އުމުރުން 31 އަހަރުގެ ނަވާސް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ތެރޭގައި ޔުވަންޓަސްވެސް ހިމެނޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ގައެވެ.

ލެވެންޓޭ ދޫކޮށްލުމަށްފަހު ނަވާސް ރެއާލް އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް 149 މެޗު ކުޅެ، އެޓީމާއެކު ސްޕެނިޝް ލަލީގާ، ސްޕެނިޝް ސުޕާ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ތިންފަހަރު، ޔުއެފާ ސުޕާ ކަޕް ދެފަހަރު އަދި ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހޯދާފައެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުން ވިދާލި ކޮސްޓަރިގާ ގައުމީ ޓިމުގެ ނަވާސް ވަނީ އެޓީމަށް މިވީތަނަށް 83 މެޗު ކުޅެދީފައެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ކޮންކާކަފްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް