ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 21:24
ރެއާލަށް ކުޅެމުން އަންނަ ލޫކަ މޮޑްރިޗް
ރެއާލަށް ކުޅެމުން އަންނަ ލޫކަ މޮޑްރިޗް
އޭއެފްޕީ
ލޫކަ މޮޑްރިޗް
ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް އިންޓައިން މޮޑްރިޗް ހޯދަން މަސައްކަތް ކުރަނީ
މޮޑްރިޗްގެ އެއްބަސްވުން ހަމަވާނީ 2020 ގައި

ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް އިންޓަ މިލާނުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިރާ އިން ބުނީ، މޮޑްރިޗަށް އިންޓަ އިން އަބަދު ވެސް ޝައުގުވެރިވާ ކަމަށާއި، އަންނަ ސީޒަނަށް މޮޑްރިޗް ގެނައުމަކީ އިންޓަގެ އަމާޒެއް ކަމަށެވެ. އެގޮތުން އެ ކްލަބުން އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މި އަހަރު ހޯދާފައިވާ މޮޑްރިޗަށް ގިނަ ކްލަބްތަކުން ޝައުގުވެރިވެއެވެ. އެހެން ނަމަވެސް ރެއާލް އިން އޭނާ ދޫކޮށްލާނެ ކަމަށް ނުބެލެވެއެވެ.

ރެއާލްއާ އެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުން 2016 ވަނަ އަހަރު އާކޮށްފައި ވާއިރު، އޭނާ ހަދާފައިވާ އާ އެއްބަސްވުން ހަމަވާނީ 2020 އަހަރެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ، މޮޑްރިޗް ދޫކޮށްލެވެން އޮތް ހަމައެކަނި ގޮތަކީ އޭނާ ހޯދުމަށް 750 މިލިއަން ޔޫރޯ ކްލަބަކުން ހުށަހެޅުން ކަމަށެވެ.

ރަޝިއާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މޮޑްރިޗް ވަނީ ނިމިގެންދިޔަ ސީޒަނުގައި ރެއާލްއާއެކު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ޓޮޓެންހަމް ހޮޓްސްޕާއިން ވިދާލި މޮޑްރިޗް ބާސާއަށް ބަދަލުވީ 2012 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 277 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައެވެ.

ކްރޮއޭޝިއާގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ފާއިތުވެދިޔަ ދެއަހަރުވެސް ހޯދާފައިވާ މޮޑްރިޗް ވަނީ އެޓީމަށް ކުޅުނު 116 މެޗުގައި 14 ލަނޑު މިހާތަނަށް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް