ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 15:28
ރެއާލް އަދި މޮސްކޯ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް އަދި މޮސްކޯ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ގްރޫޕް ޖީގެ އެއްވަނަ ރެއާލް އަށް، ދެވަނަ ރޯމާ އަށް
މޮސްކޯ އަތުން ރެއާލް ބަލިވީ 0-3 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގެ އެއްވަނަ ރެއާލް މެޑްރިޑަށް ލިބުނުއިރު، ދެވަނަ ރޯމާ އަށް ލިބިއްޖެއެވެ.

ރެއާލް އަށް ގްރޫޕްގެ އެއްވަނަ ލިބުނީ ކުޅުނު ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ރޯމާ އަށް ލިބުނީ ހަ މެޗުން ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ.

ތިންވަނައިގައި އޮތް ވިކްޓޯރިއާ ޕިޒެން އާއި ހަތަރުވަނައިގައި އޮތް ސީއެސްކޭއޭ މޮސްކޯ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިންވަނަ ވިކްޓޯރިއާ ޕިޒެން އަށް ލިބުނީ ހެޑްޓުހެޑަށް ބެލުމަށްފަހުއެވެ. އެގޮތުން އެޓީމަށް ވަނީ ޔޫރޮޕާ ލީގުންވެސް ފުރުސަތު ލިބިފައެވެ.

ބުދަ ދުވަހުގެ ރޭ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން ރެއާލް ވަނީ މޮސްކޯ އަތުން 0-3 ގެ ބޮޑު ތަފާތަކުން ބަލިވެފައެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ މޮސްކޯގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެހެންނަމަވެސް ރެއާލުން ރަނގަޅަށް ކުޅެމުން ދަނިކޮށް 37 ވަނަ މިނެޓުގައި މޮސްކޯ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ސިގަޑްސަންގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ޗަލޮވްއެވެ.

މި ލަނޑާއެކު ރެއާލުން އެޓޭކްތައް ވަރުގަދަ ކުރި ނަމަވެސް، ފުރަތަމަ ހާފް ނިމުމުގެ ކުރިން މޮސްކޯ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 43 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޝެޗެންކޮވްއެވެ.

ދެވަނަ ހާފް ފެށިގެން މޮސްކޯގެ ފަރާތުން ޑިފެންސިވް ފުޓުބޯޅައެއް ފެނިގެންދިޔައިރު، ރެއާލުން ވަނީ ގިނަ އެޓޭކްތަކެއް ކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށްވެސް އެޓީމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

މޮސްކޯ އިން ލީޑު އިތުރަށް ފުޅާކުރީ 73 ވަނަ މިނެޓުގައި މި ލަނޑު ވްލަސިކްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ސިގަޑްސަންއެވެ.

މިއީ އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގު މެޗަކުން ރެއާލް ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހުގެ ރޭ ގްރޫޕްގައި ކުޅުނު ފަހު މެޗުގައި ވިކްޓޯރިއާ ޕިޒެންއާ ވާދަކޮށް ރޯމާ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ވިކްޓޯރިއާ ޕިޒެން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން ވިކްޓޯރިއާ ޕިޒެން އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު 62 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކޮވަރިކްއެވެ.

މި ލީޑާއެކު ވިކްޓޯރިއާ ޕިޒެން ކުރީގައި އޮއްވާ 67 ވަނަ މިނެޓުގައި ރޯމާގެ އަންޑާ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑާއެކު ރޯމާ އިން އެޓީމުގެ ކުޅުން ރަނގަޅުވެސް ކުރިއެވެ.

އެހެންނަމަވެސް 72 ވަނަ މިނެޓުގައި ވިކްޓޯރިއާ ޕިޒެން އިން ވަނީ އަނބުރާ ލީޑު ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗޮރީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް