ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 10:59
ޔުވަންޓަސް އާއި ޔަންގް ބޯއިސް ބައްދަލުކުރި މެޗުގެ ތެރެއިން
ޔުވަންޓަސް އާއި ޔަންގް ބޯއިސް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ގްރޫޕް އެޗްގެ އެއްވަނަ ޔުވަންޓަސް އަށް، ދެވަނަ ޔުނައިޓެޑަށް
ވެލެންސިއާ އަތުން 1-2 ގެ ނަތީޖާއިން ޔުނައިޓެޑު ވަނީ ބަލިވެފައި
ޔަންގް ބޯއިސް އަތުން 1-2 ގެ ނަތީޖާއަކުން ޔުވަންޓަސް ވަނީ ބަލިވެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގެ އެއްވަނަ ޔުވަންޓަސް އަށް ލިބުނުއިރު، ދެވަނަ ޔުނައިޓެޑަށް ލިބިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ޔަންގް ބޯއިސްއާ ދެކޮޅަށް ޔުވަންޓަސް ކުޅުނު މެޗުން އެޓީމު 1-2 ގެ ނަތީޖާއިން ބަލިވިއިރު، ޔުނައިޓެޑު ވަނީ ވެލެންސިއާ އަތުން 1-2 ގެ ނަތީޖާއިން ބަލިވެފައެވެ.

އެގޮތުން ގްރޫޕްގެ އެއްވަނަ ޔުވަންޓަސް އަށް ލިބިފައިވަނީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކުގައެވެ. ދެވަނަ ޔުނައިޓެޑަށް ލިބިފައިވަނީ ހަ މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަ މެޗުން 8 ޕޮއިންޓް ހަމަކޮށްގެން ވެލެންސިއާ އަށް ތިންވަނަ ލިބުނުއިރު، ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ފުލަށް ދިޔައީ ޔަންގް ބޯއިސްއެވެ.

ގްރޫޕް އެޗްގެ މެޗުތަކުގެ ކުޅުން ނިމިފައިވާއިރު، ދެވަނަ ބުރަށް ދަތުރުކުރީ ޔުވަންޓަސް އާއި ޔުނައިޓެޑެވެ. ވެލެންސިއާ އަށް ވަނީ ޔޫރޮޕާ ލީގުން ފުރުސަތު ލިބިފައެވެ.

ޔަންގް ބޯއިސް އަދި ޔުވަންޓަސް ބައްދަލުކުރި މެޗު ކުޅުނީ ޔަންގް ބޯއިސް ދަނޑުގައެވެ. މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.

އެހެންނަމަވެސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް، ޔުވަންޓަސް އިން ވަނީ ޔަންގް ބޯއިސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ޔުވަންޓަސް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔަންގް ބޯއިސްއެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ހޯރައުއެވެ.

މި ލަނޑާއެކު ޔުވަންޓަސް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފުލުފުލުގައި ގިނަ ހަމަލާތަކެއް އެޓީމުން ވަނީ ޔަންގް ބޯއިސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޔުވަންޓަސްގެ މައްޗަށް ޔަންގް ބޯއިސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ޔުވަންޓަސްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، އެ ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ޔަންގް ބޯއިސް އިން ލީޑު ފުޅާކުރީ 68 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހޯރައުއެވެ. އޭނާ އަށް ވަނީ މެޗުގައި ހެޓްރިކް ހެދުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ޔުވަންޓަސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 80 ވަނަ މިނެޓުގައި ރޮނާލްޑޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޕައުލޯ ޑިބާލާއެވެ. ޔުވަންޓަސް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރަންވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ވެލެންސިއާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗު ކުޅުނީ ވެލެންސިއާ ދަނޑުގައެވެ. މި މެޗު ފެށިގެން 17 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ ކާލޮސް ސޮލާއެވެ.

މި ލަނޑަށްފަހުވެސް ވެލެންސިއާ އިން ދިޔައީ ޔުނައިޓެޑުގެ ހާފަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި ހާފްގައި ޔުނައިޓެޑަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޔުނައިޓެޑުގެ މައްޗަށް ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ވެލެންސިއާ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ ޔުނައިޓެޑުގެ ފިލް ޖޯންސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ލަނޑާއެކު ޔުނައިޓެޑުން ވަނީ ބަދަލުތަކެއް ގެނެސް، އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ގިނަ ފުރުސަތުތައް ހޯދިއެވެ.

ޔުނައިޓެޑުން ނަތީޖާގެ ފަރަގު ކުޑަކުރީ 87 ވަނަ މިނެޓުގައެވެ. މި ލަނޑު އޭޝްލީ ޔަންގްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް