ބޮލީވުޑްގެ މަޝްހޫރު ކޮމިޑިއަން ކަޕިލް ޝަރްމާ އާއި އޭނާގެ ލޯބިވެރިޔާ ގިއްނީ ޗަތްރަޗް ކައިވެނި ކޮށްފި އެވެ.
އެ ދެމީހުން ވަނީ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ކަޕިލް އާއި ގިއްނީ ކައިވެނި ކޮށްފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޖަލަންދާރުގައެވެ.
ކަޕީލް ޝަރްމާގެ ކައިވެނި ކުރި ދުވަހު އިންޑިއާގެ މަހުޖަނެއް ކަމަށްވާ މުކޭޝް އަމްބާނީގެ އަންހެން ދަރިފުޅު އިޝާ އަމްބާނީ އާއި އާނަންދު ޕިރަމަލްގެ ކައިވެނިވެސް ވަނީ ކޮށްފައެވެ. އެކައިވެނީގެ ހަފްލާއަށްވެސް ބޮލީވުޑްގެ ގިނަ ތަރިން ވަނީ ގޮސްފައެވެ.
ކަޕިލްގެ ކައިވެނި ބުދަ ދުވަހު ކޮށްފައިވާއިރު، ދާދި ފަހުން ވަނީ ބޮލީވުޑްގެ ދެ ތަރިންކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ އަދި ޕްރިޔަންކާ ޗޯޕްރާ އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނިވެސް ކޮށްފައެވެ.
ކަޕިލް އާއި ގިއްނީ ރައްޓެހިވެގެން އުޅޭކަން އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗްމަހު އެވެ. މި ދެމީހުން ބައްދަލު ވެފައިވަނީ ކަޕިލް މަސައްކަތް ކުރަމުންދިޔަ ހަސްބަލިޔޭ ކިޔާ ކޮމެޑީ ޝޯއަކުންނެވެ.