މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑު މުރާޖައާކޮށް ޒަމާނީ މަސްވެރިކަމެއް ރާއްޖޭގެ މަސްވެރިކަމަށް ގެންނާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ޤައުމީ ފެންވަރުގައި ގއ. ގެމަނަފުށީގައި ފާހަގަކުރި މަސްވެރިންގެ ދުވަހުގެ ހަރަކާތުގަިއ ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށްފަހު މިހާރު އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބޭއްވި މިހަފްލާގައި މިނިސްޓަރ ޒަހާ ވަނީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެޑައިގެންފައެވެ. އެގޮތުން ރާއްޖޭގައި ތުތި ބޯވަ ދިލަ މަސްވެރިކަން ވަރަށް އަވަހަށް ތަޢާރަފްކުރައްވާނެ ކަމަށާއި މަސް ގަންނަ އަދި އެކްސްޕޯޓްކުރާ ޕްރައިވެޓް ސެކްޓަރ ފަރާތްތައް އިތުރުކުރުމާއި އެންވެރިކަން ވަކި މަސްވެރިކަމެއްގެ ގޮތުގައި ތަޢާރަފްކުރުމާއި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުން، މަސްދޯނި ފަހަރުތަކަށް ބޭންކިިން ނިޒާމްގެ ތެރެއިން އެކައުންޓްތައް ހުޅުވޭނެ މަގުފަހިކޮށްދެއްވުން ހިމެނެއެވެ.
މީގެ ތެރެއިން ތުތި ބޯވަ ދިލަ މަސްވެރިކަމަކީ ދުނިޔޭގެ ބާޒާރުގައި ވަރަށް އަގު ބޮޑު މަސްވެރިކަމެއް ކަމަށާއި އެގޮތުން ކިލޯއަކަށްވެސް 15 ޑޮލަރު ލިބޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެންވެރިކަން ވަކި މަސްވެރިކަމެއް ގޮތުގައި ތަޢާރަފްވެގެން ދިޔުމަކީ މަސްވެރިކަމުގެ އިޤްތިޞާދު ކުރިއަރައިގެންދާނެ ކަމެއް ކަން ފާހަގަކުރަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މަސްވެރިންނަށް މިހާރު އެން ނުލިބިގެން ދިމާވެފައިވާ ބޮޑު މައްސަލައަށް މިކަމުން ހައްލު ލިބިގެންދާނެ ކަމަށެވެ.
"އެ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނުދެވި އެ މަސްވެރިކަން މާކެޓު ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ. ކުދި ބޯވަދިލަ މަހަކީ ދުނިޔޭގެ ބާޒާރުގައި ބޮޑު އަގެއް ލިބޭ ބާވަތެއް،"
މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބުން ކަމަށާއި އަދި މަސް ގަންނަން ސަރުކާރު ހިއްސާވާ ކުންފުނި މިފްކޯއާއި ކޫއްޑޫގައި އެޤާބިލްކަން ނެތުމަކީ ހިތާމަކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މިކަމަށް ހައްލެއް ހޯއްދައިދެއްވާ މަސްވެރިން ބާނާ މަހަަށް ހަމަ އަގު ހޯއްދަވައިދެއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.