ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 18:17
ޒްލަޓަން އިބްރަހަމޮވިޗް
ޒްލަޓަން އިބްރަހަމޮވިޗް
ގެޓީ އިމޭޖަސް
ޒްލަޓަން އިބްރަހަމޮވިޗް
ގެލެކްސީގެ އެއްބަސްވުން އިބްރަހަމޮވިޗް އާކުރަނީ!
އިބްރަހަމޮވިޗް އެއްބަސްވުން އާކުރަނީ އެއް އަހަރަށް

އެމެރިކާގެ އެލްއޭ ގެލެކްސީއާއެކު ހަދާފައިވާ އެއްބަސްވުން ޒްލަޓަން އިބްރަހަމޮވިޗް އާކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ލޮސް އެންޖެލެސް ޓައިމްސް އިން ބުނީ، އިބްރަހަމޮވިޗްއާއެކު ގެލެކްސީން ހަދާފައިވާ އެއްބަސްވުން އިތުރު އަހަރަކަށް އާކުރަން ނިންމާފައިވާ ކަމަށާއި، އަންނަ ހަފްތާގައި މިކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ ނޫހުން ބުނީ، ގެލެކްސީން އިބްރަހަމޮވިޗްގެ އެއްބަސްވުން އާކުރަން މަސައްކަތް ފެށީ، އޭނާއާއެކު އޭސީ މިލާނުން އެއްބަސްވުމަކަށް ނާދެވުމުންނެވެ. އޭސީ މިލާނުން ވަނީ ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށް، އިބްރަހަމޮވިޗް ހޯދުމަށް މަސައްކަތްކޮށްފައެވެ.

ދާދި ފަހުން ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އިބްރަހަމޮވިޗް ބުނީ މިވަގުތު އޭނާ އަކީ ފުޓުބޯޅަ ކުޅުންތެރިޔެއް ކަމަށާއި، ކުރިޔަށް އޮތް ތަނުގައިވެސް ކުޅެން ބޭނުންވާ ކަމަށެވެ. އެގޮތުން ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ކުރިން މުޅި ދުނިޔެއަށް އަންގާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސްވިޑެންގެ މަލްމޯ އިން 1999 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 37 އަހަރު އިބްރަހަމޮވިޗް ކުޅުން ހުއްޓާލާނެ ދުވަހެއް ނޭގޭ އިރު، އޭނާ ހޯދުމަށް ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އޭސީ މިލާންވެސް ހިމެނެއެވެ.

ޔުވަންޓަސް، އިންޓަ މިލާން، ބާސެލޯނާ، އޭސީ މިލާން، ޕީއެސްޖީ އަދި ޔުނައިޓެޑަށް ވެސް ކުޅެފައިވާ އިބްރަހަމޮވިޗް ވަނީ މިހާރު ކުޅެމުން އަންނަ އެލްއޭ ގެލެކްސީ އަށް މިހާތަނަށް ކުޅުނު 27 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ.

ސްވިޑެންގެ މޮޅު އެތުލީޓުގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ އިބްރަހަމޮވިޗް ވަނީ އޭނާ ކުޅުނު ކްލަބްތަކަށް ގިނަ ކާމިޔާބީތައް ހޯދައިދިނުމުގެ އިތުރުން އަމިއްލަ ގިނަ އެވޯޑުތައްވެސް ހާސިލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް