ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 14:01
އެންމެ މޮޅު ކީޕަރުންނަށް ވާދަކުރާ ތިން ކުޅުންތެރިން
އެންމެ މޮޅު ކީޕަރުންނަށް ވާދަކުރާ ތިން ކުޅުންތެރިން
ފޭސްބުކް
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް: އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި
އެންމެ މޮޅު ކީޕަރުންނަށް ދެ ބިދޭސީ ކީޕަރުން ވާދަކުރޭ

މޯލްޑިވްސް ފުޓްބޯލް އާއި ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ދޭ އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން އިއުލާންކޮށްފިއެވެ.

އެންމެ މޮޅު ތިން ކީޕަރުންގެ ތެރޭގައި ހިމެނެނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކީޕަރު މުހައްމަދު ފައިސަލް އާއި ޓީސީ ސްޕޯޓްސް ކްލަބްގެ ކީޕަރު ލިމްބޫ ކިރަން ކުމާރު އަދި ކްލަބް އީގަލްސްގެ ސުޖަން ޕެރޭރާއެވެ.

ފައިސަލް ވަނީ މި ސީޒަނުގައި ނިއުގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން، ނިމިގެންދިޔަ ސާފް ސުޒުކީ ކަޕްގައި ރާއްޖެއަށް މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ވަނީ މި ސީޒަނުގައި ޓީސީ އަށް ލީގު ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ މެޗުތަކުގައި މުހިންމު ގިނަ ސޭވްތަކެއްވެސް ކޮށްފައެވެ. އޭނާ ވަނީ މި އަހަރު ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދާފައެވެ.  

ލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ވަނީ އީގަލްސްގައި މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ އެޓީމާއެކު ބައިކޮޅަށް ލަނޑެއް ވަނެ ނުދީ ގިނަ މެޗުތަކެއް ނިންމާލާފައެވެ.

އެންމެ މޮޅު ކީޕަރަށް ވާދަކުރާ ތިން ކުޅުންތެރިން އިއުލާންކުރިއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަންވެސް ވަނީ އިއުލާންކޮށްފައެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިންނަށް ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ ކޯނެލިއަސް ސްޓެވާޓް އާއި ޓީސީގެ އަލާގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްގެ ރޮލާންޑް ރަސެލް ބިލާލާއެވެ.

މީގެތެރެއިން ސްޓެވާޓް މި ސީޒަނުގައި މާޒިޔާ އަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ މުހިންމު ގިނަ ލަނޑުތަކެއް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ މި ސީޒަނުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ.

މި ސީޒަނުގައި ޓީސީ އަށް މޮޅު ކުޅުމެއް ދެއްކި އަލާ ވަނީ އެޓީމަށް ލީގު ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ ޓީސީގެ ޑިފެންސް ލައިނުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ގްރީންގެ ރޮލާންޑް ރަސެލް ވަނީ އެޓީމަށް މޮޅު ކުޅުމެއް މި ސީޒަނުގައި ދައްކާފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް 27 ލަނޑު ކާމިޔާބުކޮށް، ގިނަ މެޗުތަކުން މޮޅުވުމަށް އެހީވެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް