ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 14:04
ޑޯޓްމަންޑް ކުޅުންތެރިން ލަނޑޫ ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޑޯޓްމަންޑް ކުޅުންތެރިން ލަނޑޫ ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ގްރޫޕްގެ އެއްވަނަ ޑޯޓްމަންޑަށް، ދެވަނަ އެޓްލެޓިކޯ އަށް
ޑޯޓްމަންޑް އެއްވަނަ ކަށަވަރުކުރީ މޮނާކޯ ބަލިކޮށްފައި
އެޓްލެޓިކޯ ވަނީ ބްރޫޖްއާ ވާދަކޮށް 0-0 އިން އެއްވަރުވެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގެ އެއްވަނަ ބްރޫޝިއާ ޑޯޓްމަންޑް ހޯދިއިރު، ދެވަނަ އެޓްލެޓިކޯ މެޑްރިޑުން ހޯދައިފިއެވެ.
ޑޯޓްމަންޑުން ގްރޫޕްގެ އެއްވަނަ ހޯދީ އަންގާރަ ދުވަހުގެ ރޭ މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

މޮނާކޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 15 ވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެރެއިރޯއެވެ. މި ލަނޑަށްފަހުވެސް އެޓީމުން ދިޔައީ މޮނާކޯގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އެގޮތުން ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ. މި ހާފްގައި މޮނާކޯ އަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތައް ލިބުނެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ނުހިފެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން މޮނާކޯގެ މައްޗަށް ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ

.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ޑޯޓްމަންޑުންނެވެ. އެގޮތުން އެޓީމުން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކުރަމުންނެވެ.

މި ހާފްގައިވެސް މޮނާކޯ އަށް ލަނޑު ޖެހުމަށް ފުރުސަތުތައް ލިބިފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ޑޯޓްމަންޑުން ލީޑު ފުޅާކުރީ 88 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ގެރެއިރޯއެވެ.

މި ނަތީޖާއާއެކު ޑޯޓްމަންޑް ވަނީ ކުޅުނު ހަ މެޗުން 13 ޕޮއިންޓް ހަމަކޮށްގެން ގްރޫޕްގެ އެއްވަނަ ޔަގީންކޮށް، ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މެޗުން ބަލިވި މޮނާކޯ އޮތީ ހަ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

އަންގާރަ ދުވަހުގެ ރޭ ކްލަބް ބްރޫޖް އާއި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

ކްލަބް ބްރޫޖް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށްވެސް އެޓީމުން ވަނި ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

މި ހާފްގައި އެޓްލެޓިކޯއަށް ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. އެގޮތުން އެންޓޯނިއޯ ގްރިޒްމަން އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ދެވަނަ ހާފްގައިވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތައް ދެޓީމަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު އެޓްލެޓިކޯ އޮތީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. ބްރޫޖް އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

އެޓްލެޓިކޯ އާއި ޑޯޓްމަންޑަށް އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވާއިރު، އެޓްލެޓިކޯ އަށް ދެވަނަ ލިބުނީ ހެޑްޓުހެޑަށް ބެލުމަށްފަހުއެވެ. ކްލަބް ބްރޫޖް ތިންވަނަ އަށް ދިޔަ ނަމަވެސް އެޓީމަށް ޔޫރޮޕާ ލީގުން ޖާގަ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް