ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 12:27
ލިވަޕޫލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ލިވަޕޫލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ނަޕޯލީ ކެޓިއިރު، ލިވަޕޫލް އާއި ޕީއެސްޖީ ދެވަނަ ބުރަށް
ނަޕޯލީގެ މައްޗަށް ޕީއެސްޖީ ކުރިހޯދީ 0-1 ގެ ނަތީޖާއަކުން
ޕީއެސްޖީ މޮޅުވީ ރެޑް ސްޓާ އަތުން 1-4 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ނަޕޯލީ ކެޓިއިރު، ލިވަޕޫލް އާއި ޕީއެސްޖީ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ނަޕޯލީ ކެޓީ އަންގާރަ ދުވަހުގެ ރޭ ގްރޫޕް ސީގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުން 0-1 ގެ ނަތީޖާއިން ބަލިވެގެންނެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއްވެސް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

މި ހާފްގައި ލިވަޕޫލް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 34 ވަނަ މިނެޓުގައި ޖޭމްސް މިލްނާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މުހައްމަދު ސަލާހުއެވެ.

މި ލަނޑަށްފަހުވެސް ލިވަޕޫލުން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކުރަމުންނެވެ. އެގޮތުން ލީޑު ފުޅާކުރުމަށް އެޓީމަށް ހުސްކޮށް ގިނަ ފުރުސަތު ލިބި ބޭކާރުވިއެވެ.

މި ހާފްގައި ނަޕޯލީގެ ފަރާތުންވެސް ހަމަލާތަކެއް ވަނީ ފެނިގެންގޮސްފައެވެ. އެހެންނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ނަޕޯލީގެ މައްޗަށް ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ނަޕޯލީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމަށް ގިނަ ފުރުސަތުތައް މި ހާފްގައި ލިބުނެވެ.

އެހެންނަމަވެސް މި ހާފްގައިވެސް އެޓީމަށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭ ގޮތް ވަނީ ނުވެފައެވެ.

މި ހާފްގައި ލިވަޕޫލް އަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. އެހެންނަމަވެސް އެޓީމަށްވެސް އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ގްރޫޕްގެ ދެވަނައިގައެވެ. މެޗުން ބަލިވި ނަޕޯލީ އަށް ވެސް ހަ މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް ތިންވަނަ ލިބުނީ ހެޑްޓު ހެޑަށް ބެލުމަށްފަހުއެވެ.

މުބާރާތުން ނަޕޯލީ ކެޓި ނަމަވެސް އެޓީމަށް ވަނީ ޔޫރޮޕާ ލީގުން ޖާގަ ލިބިފައެވެ.

ޕީއެސްޖީ ދެވަނަ ބުރުން ޖާގަ ހޯދީ ރެޑް ސްޓާއާ ދެކޮޅަށް ކުޅުނު މެޗު 1-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ރެޑް ސްޓާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކީލިއަން އެމްބާޕޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެޑިންސަން ކަވާނީއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ޕީއެސްޖީންނެވެ. އެގޮތުން އެޓީމުން ވަނީ 40 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ރެޑް ސްޓާގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެޑް ސްޓާ އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮބެލްޖިކްއެވެ.

އެހެންނަމަވެސް 74 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ތިންވަނަ ލަނޑު ޖަހާ ލީޑު އަނެއްކާވެސް ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެންހަލް ޑިމަރިއާގެ އެހީތެރިކަމާއެކު މަކީނޮސްއެވެ.

ޕީއެސްޖީގެ ހަތަރުވަނަ ލަނޑު އިތުރުވަގުތުއި ނޭމާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެމްބާޕޭއެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ ވަނީ ހަ މެޗުން 11 ޕޮއިންޓް ހަމަކޮށް، ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މެޗުން ބަލިވި ރޭޑް ސްޓާ ހަ މެޗުން ހަތަރު ޕޮއިންޓް ހޯދިއިރު، އެޓީމު ދިޔައީ ގްރޫޕްގެ ފުލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް