ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 21:13
ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ އަދި ގްރީން ބައްދަލުކުރި މެޗެއްގެ ތެރެއިން
ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ އަދި ގްރީން ބައްދަލުކުރި މެޗެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ކުޅުންތެރިންގެ މުސާރަ
ކުޅުންތެރިޔަކަށް އެންމެ ގިނަވެގެން އަހަރަކު ދެވޭނީ 300،000 ރުފިޔާ ކަމަށް ކަނޑައަޅައިފި
ކުޅުންތެރިޔަކާއެކު މަދުވެގެން ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ޖެހޭ

އަންނަ އަހަރުން ފެށިގެން ފުޓުބޯޅަ ކުޅުންތެރިޔަކަށް އެންމެ ގިނަވެގެން އަހަރަކު ދެވޭނީ 300،000 ރުފިޔާ ކަމަށް ކަނޑައަޅައި، މުސާރައިގެ އޮނިގަނޑު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބްތަކަށް ފޮނުވައިފިއެވެ.

އެފްއޭއެމުން ފުރަތަމަ އިއުލާންކުރީ އަހަރަކު ކުޅުންތެރިޔަކަށް އެންމެ ގިނަވެގެން 400،000 ރުފިޔާ ދިނުމަށެވެ. އެއީ 10 މަހަށް ބަލާއިރު މަހަކަށް 40،000 ރުފިޔާއެވެ. އެހެންނަމަ ވެސް އޮނިގަނޑު އެކުލަވާލި އިރު، އެފްއޭއެމުން ވަނީ އެ އަދަދު 300،000 ރުފިޔާ އަށް ކުޑަކޮށްފައެވެ. އެއީ 10 މަހަށް ބަލާއިރު، މަހަކު 30،000 ރުފިޔާއެވެ. އަދި އެހެނިހެން އެލަވަންސާއި، ބޯނަސް ވެސް ހިމަނަންޖެހޭނީ ވެސް އެ 30،000 ރުފިޔާގެ ތެރޭގައެވެ.

މީގެއިތުރުން އަންނަ އަހަރުން ފެށިގެން ކުޅުންތެރިންނާއި، ކްލަބާ ދެމެދު ވެވޭ އެއްބަސްވުން ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން ތިން އަހަރަށް ހަދާފައިވާ އެއްބަސްވުމަކަށް އެފްއޭއެމް އިން ނިންމާފައިވާ އިރު، ނޮން އެމެޗާ ކުޅުންތެރި އެއް ނަމަ ކުޅުންތެރިއާ ރަޖިސްޓްރީ ކުރާ ފޯމާއި ކުޅުންތެރިއާ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހުށަހަޅަން ޖެހޭނެއެވެ.

މި އޮނިގަނޑުގެ ދަށުން ކްލަބާއި ކުޅުންތެރިއާ ދެމެދު ހެދޭ އެއްބަސްވުން އެފްއޭއެމްގައި ރަޖިސްޓްރީކުރަން ޖެހެއެވެ. އަދި ރަޖިސްޓްރީކުރާ އެއްބަސްވުން ނޫން އެހެން އެއްބަސްވުމެއް އޮތް ނަމަ އެ އެއްބަސްވުން ބާތިލުވާނެއެވެ.

އެގޮތުން ކްލަބާއި ކުޅުންތެރިންނާ ދެމެދު މައްސަލަ އެއް ޖެހިއްޖެނަމަ އެ މައްސަލަ އެއް ހައްލުކުރަން އެފްއޭއެމުން ބަލާނީ ރަޖިސްޓްރީ ކުރެވިފައިވާ އެއްބަސްވުމަށް ކަމަށް ވެސް ވަނީ ނިންމާފައެވެ.

މީގެކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، ކުޅުންތެރިންނަށް ނުލިބޭވަރުގެ މުސާރައަކަށް ސޮއިކޮށްގެން ކުޅުވަން ބޭނުން ނުވާ ކަމަށާއި، ކުޅުންތެރިންނަށް އެ މުސާރަ ނުލިބޭތަން ދެކެން ވެސް ބޭނުން ނުވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް