ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 18:05
ވިޔަފާރި ބަނދަރަށް މުދާ ބާލަނީ
ވިޔަފާރި ބަނދަރަށް މުދާ ބާލަނީ
ކަސްޓަމްސް
ކަސްޓަމްސް ތަފާސް ހިސާބު
އިމްޕޯޓް އަދި އެކްސްޕޯޓް ކުރި މިންވަރު 7 އިންސައްތަ އިތުރުވެއްޖެ
ދަޢުލަތަށް 261 މިލިއަން ރުފިޔާ ލިބިފައިވޭ
މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައް

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ދިވެހިރާއްޖެއަށް 3.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ ނޮވެމްބަރ މަހު މި ޢަދަދު 3.3 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

އެގޮތުން ފާއިތުވި ނޮވެމްބަރ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު 7 އިންސައްތަ ވަނީ އިތުރުވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 17 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާއިން 14 އިންސައްތަ އަދި އަޔަރލޭންޑްއިން 11 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ  ނޮވެމްބަރ މަހާއި އަޅާބަލާއިރު ހުސްވި ނޮވެމްބަރ މަހު  2.23 އިންސައްތަ އިތުރުވެފައެވެ.

މިއަހަރުގެ ނޮވެމްބަރ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 261 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހު ލިބިފައިވަނީ 255.3 މިލިއަން ރުފިޔާ އެވެ.

ފާއިތުވި ނޮވެމްބަރ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 ނޮވެމްބަރ މަހާ އަޅާބަލާއިރު 7 އިންސައްތަ ވަނީ އިތުރުވެފައެވެ. 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު 380.3 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ ނޮވެމްބަރ މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 406.8 މިލިއަން ރުފިޔާއެވެ.

ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ނޮވެމްބަރ މަހު އެކްސްޕޯޓްކުރި މުދަލުގެ 48.2 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، ޖަރުމަނުވިލާތަށް 10.3 އިންސައްތަ، އިނގިރޭސި ވިލާތަށް 7.5 އިންސައްތަ އަދި ފަރަންސޭސިވިލާތަށް 6.6 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް