އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގާ އެ އޮތޯރިޓީން ގާނޫނާއި ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) ގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ވިޔަފާރި ބޭންކްތަކާއި އެމްއެމްއާއި ގުޅޭގޮތުން މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކާ ބެހޭ ގޮތުން މައުލޫމާތުދެއްވަމުން ގަވަނަރ ނަސީރު ވިދާޅުވީ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލައާކީ ދައުލަތުގެ ތަހުޤީޤީ އިދާރާތަކުން ތަހުޤީޤުކުރަމުންދާ މައްސަލައެއް ކަމަށާއި އެތަހުޤީޤަށް ދެވެން އޮތް އެންމެހާ އެހީތެރިކަމަކާއި އެއްބާރުލުން އެ އޮތޯރިޓީން ދަނީ ދެމުން ކަމަށެވެ.
އަދި އެމްއެމްޕީއާރްސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައާއި އެމްއެމްއާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި މިފާއިސާއަކީ ޕަބްލިކް ޕްރައިވެޓް އެކައުންޓަށް ޖަމާވާން ޖެހޭ ފާއިސާތަކެއް ކަމަށާއި އެހެން ނަމަވެސް އެކައުންޓަށް ޖަމާނުކުރެވި އަމިއްލަ އެހެން ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މިއީ ނިޒާމްގެ ތެރޭގައި ހުރި މައްސަލަތަކެއް ނޫން ކަމަށް ފާހަގަކުރައްވާ ގަވަނަރު ވިދާޅުވީ މިއީ މިނިޒާމްގެ ތެރޭގައި މަސައްކަތް ކުރަން ތިބި ބައެއްގެ އިހުމާލުން ވެފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން މިހާރު ކުރިއަށްދާ މި ތަހުޤީޤުގައި މާލީ އިދާރާއަކުން ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ޢަމަލެއް ހިނަގާފައިވާކަން އެނގިއްޖެނަމަ، އެ އިދާރާއަކާމެދު ޤާނޫނީގޮތުން މި އޮތޯރިޓީން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ގަވަނަރު ވިދާޅުވިއެވެ.
އަދި މިހާރު ކޮރަޕްޝަންގެ މައްސަލަތައް ބައްލަވަން ރައީސް ސޯލިޙް އުފައްދަވާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް އެމްއެމްއޭގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ގަވަނަރ ވިދާޅުވިއެވެ.
މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްއާއި ގުޅުންހުރި ތަފާތު އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، ކަމާއި ގުޅުން ހުރި އިދާރާތަކަށް ފޮނުވާ ހާއްސަ ޔުނިޓެކެވެ.
އެހެންކަމުން މިހާތަނަށް 137 މައްސަލައެއް ކަމާއި ގުޅުން ހުރި އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށާއި އެހެން ނަމަވެސް މިވީ ތަނަށް މިއިން އެއްވެސް މައްސަލައެއް ނިމިފައިނުވާތީ ގަވަނަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ރާއްޖޭން ބޭރުން ފަންނީ އެހީ ހޯދަން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.