ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 21:49
ރެއާލްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ރެއާލްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ރެއާލް މެޑްރިޑް ހަތަރު ވަނަ އަށް ޖެހިލައިފި
ހިއުސްކާގެ މައްޗަށް ރެއާލް ކުރިހޯދީ 0-1 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ހަތަރު ވަނަ އަށް ޖެހިލައިފިއެވެ.

ރެއާލް ހަތަރުވަނަ އަށް ޖެހިލީ، އާދީއްތަ ދުވަހުގެ ރޭ އެސްޑީ ހިއުސްކާއާ ދެކޮޅަށް ކުޅުނު މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

ހިއުސްކާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި ރެއާލުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮޑްރިއޯޒޮލާގެ އެހީތެރިކަމާއެކު ގެރެތް ބޭލްއެވެ.

މި ލަނޑަށްފަހު ވެސް ރެއާލުން ދިޔައީ ހިއުސްކާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް އެ ޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

މި ހާފްގައި ހިއުސްކާ އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ހިއުސްކާގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލުން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކުރިއެވެ. އެގޮތުން ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތުތައް ހޯދިއެވެ. އެހެންނަމަވެސް ހިއުސްކާ އިން ވަނީ މި ހާފްގައި ރެއާލްގެ ހަމަލާތައް ދިފާއުކޮށްފައެވެ.

މި ހާފްގައިވެސް ހިއުސްކާ އަށް ލަނޑު ޖެހުމަށް މަދުން ނަމަވެސް ފުރުސަތުތަކެއް ލިބިފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ރެއާލް ވަނީ ކުޅުނު 15 މެޗުން 24 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ހިއުސްކާ އޮތީ ކުޅުނު 15 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް