ކ. މާލެ
|
9 ޑިސެންބަރ 2018 | އާދީއްތަ 19:30
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޓޮޓެންހަމް ތިންވަނަ އަށް، އާސެނަލް އާއި ޔުނައިޓެޑަށް މޮޅެއް
ޓޮޓެންހަމް މޮޅުވީ ލެސްޓާ އަތުން 0-2 ގެ ނަތީޖާއަކުން
އާސެނަލް މޮޅުވީ ހަޑަސްފިލްޑް އަތުން 0-1 ގެ ނަތީޖާއަކުން
ޔުނައިޓެޑު މޮޅުވީ ފުލަމް އަތުން 1-4 ގެ ނަތީޖާއަކުން

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ޓޮޓެންހަމް ހޮޓްސްޕާ ޖެހިލިއިރު، އާސެނަލް އާއި ޔުނައިޓެޑު ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ޓޮޓެންހަމް ތިންވަނަ އަށް ޖެހިލީ ހޮނިހިރު ދުވަހުގެ ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

ލެސްޓާ ދަނަޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޓޮޓެންހަމްއެވެ. އެގޮތުން އެޓީމުން ވަނީ ލެސްޓާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފައްދާފައެވެ.

ޓޮޓެންހަމް އިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖްގެ އެހީތެރިކަމާއެކު ސޮންއެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ލެސްޓާގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅުނީ ޓޮޓެންހަމްއިންނެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި ހާފްގައި މަދުން ނަމަވެސް ލެސްޓާ އަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

ޓޮޓެންހަމް އިން ލީޑު ފުޅާކުރީ 58 ވަނަ މިނެޓުގައި ސޮންގެ އެހީތެރިކަމާއެކު ޑެލެއަލީ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށްފަހުވެސް ޓޮޓެންހަމް އަށް ލީޑު އިތުރަށް ފުޅާކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 16 މެޗުން ލިބުނު 36 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ލެސްޓާ އޮތީ ކުޅުނު 16 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ހަޑަސްފިލްޑް ޓައުންއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު، ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

މި ހާފްގައި ހަޑަސްފިލްޑްގެ ފަރާތުން މޮޅު ޑިފެންސެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ އާސެނަލްގެ ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމުވެސް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް އާސެނަލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

މި ހާފްގައިވެސް އާސެނަލްގެ ގިނަ ހަމަލާތައް ހަޑަސްފިލްޑުން ވަނީ ދިފާއުކޮށްފައެވެ. އަދި އެޓީމުންވެސް ވަނީ ލަނޑު ޖެހުމަށް މި ހާފްގައި މަސައްކަތް ކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 83 ވަނަ މިނެޓުގައި އާސެނަލް އަށް ކާމިޔާބުކޮށްދިނީ ޓޮރީރާއެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 16 މެޗުން ލިބުނު 34 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި ހަޑަސްފިލްޑް އޮތީ ކުޅުނު 16 މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޭޝްލީ ޔަންގްއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ޔުނައިޓެޑެވެ. އެގޮތުން 28 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މާކަސް ރަޝްފޯޑްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ހުއާން މަޓާއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ 42 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫއެވެ. ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ފުލަމްގެ މައްޗަށް ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅުނީ ޔުނައިޓެޑެވެ. އެޓީމުން ރަނގަޅަށް ކުޅެމުން ދަނިކޮށް 67 ވަނަ މިނެޓުގައި ފުލަމް އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކަމަރާއެވެ.

މެޗު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އޭޝްލީ ޔަންގްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާކަސް ރަޝްފޯޑްއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ކުޅުނު 16 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. މެޗުން ބަލިވި ފުލަމް އޮތީ ކުޅުނު 16 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް