ކ. މާލެ
|
8 ޑިސެންބަރ 2018 | ހޮނިހިރު 19:33
ލިވަޕޫލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ލިވަޕޫލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ސަލާހްގެ ހެޓްރިކާއެކު ބޯންމައުތް އަތުން ލިވަޕޫލަށް ބޮޑު މޮޅެއް
ބޯންމައުތްގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 0-4 ގެ ނަތީޖާއަކުން

ޕްރިމިއާ ލީގުގައި މުހައްމަދު ސަލާހުގެ ހެޓްރިކާއެކު އޭއެފްސީ ބޯންމައުތް އަތުން ލިވަޕޫލް ބޮޑު މޮޅެއް ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗު ބޯންމައުތްއާ ވާދަކޮށް ލިވަޕޫލުން މެޗު ކާމިޔާބުކުރީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ބޯންމައުތް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 25 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ.

މި ލަނޑަށްފަހުވެސް ލިވަޕޫލުން ދިޔައީ ބޯންމައުތްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

މި ހާފްގައި ބޯންމައުތް އަށް ވެސް ވަނީ މަދުން ނަމަވެސް ލަނޑު ޖެހުމަށް ފުރުސަތުތައް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ބޯންމައުތްގެ މައްޗަށް ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ތިން މިނެޓު ތެރޭގައި ލިވަޕޫލުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ސަލާހުއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާއެކުގައެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، މި ލަނޑަކީ ބޯންމައުތްގެ ކޫކް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ލިވަޕޫލްގެ ހަތަރުވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށް ސަލާހު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ލަނޑަށްފަހުވެސް ލިވަޕޫލަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 16 މެޗުން ލިބުނު 42 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ބޯންމައުތް އޮތީ ކުޅުނު 16 މެޗުން ލިބުނު 23 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް