ބޮލީވުޑް ސުޕަރ ސްޓަރ ސަލްމާން ޚާން އިންޑިއާގެ އެންމެ މުއްސަނދި ސެލެބްރިޓީއަކަށް އަނެއްކާވެސް ހޮވިއްޖެ އެވެ.
ފޯބްސް އިންޑިއާ އިން ހޮވާ ދަ ފޯބްސް އިންޑިއަން ސެލެބްރިޓީ 100 ލިސްޓަށް ސަލްމާން ހޮވިފައި މިވަނީ ތިންވަނަ ފަހަރަށެވެ.
ދަ ފޯބްސް އިންޑިއަން ސެލެބްރިޓީ 100 ލިސްޓް ރޭންކް ކޮށްފައިވަނީ ސެލެބްރިޓީންނަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލާފައެވެ.
އެގޮތުން މިފަހަރުގެ ލިސްޓްގައި ހިމަނާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 އިން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 އާއި ހަމައަށެވެ.
މި ލިސްޓްގެ އެއްވަނައިގައި އޮތް ސަލްމާން،52 އަށް ވަނީ އާމްދަނީގެ ގޮތުގައި 253.25 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.
އާމްދަނީގެ ގޮތުގައި 228.09 ކްރޯޑް ރުޕީސް ދެވަނަ އަށް ގޮސްފައިވަނީ އިންޑިއާގެ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާޓް ކޯލީ އެވެ.
މި ލިސްޓްގެ ތިން ވަނައިގައި ވަނީ 185 ކްރޯޑް ގެ އާމްދަނީއެއް ލިބިފައިވާ ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރުއެވެ.
މި ލިސްޓުގެ ޓޮޕް 10 އިން ބޮލީވުޑްގެ ސުޕަރ ސްޓާ ޝާހުރުކްޚާން ވަނީ ކަޓާފައެވެ. އޭނާ ގެ ނަން މިފަހަރަގެ ލިސްޓްގައި އޮތީ 13 ވަނައިގައެވެ.
ދާދިފަހުން ކައިވެނިކުރި ބޮލީވުޑްގެ ތަރި ދިޕިކާ ޕަދުކޯން ވަނީ މި ލިސްޓްގެ ޓޮޕް 5 ގައި ހިމެނިފައެވެ. ދިޕިކާ މި ލިސްޓްގެ 4 ވަނައަށް ހޮވިފައިވަނީ 112.8 ކްރޯޑްގެ އާމްދަނީއެއް ލިބިގެންނެވެ.