ރާއްޖެޓީވީން އަންނަ ރަމަޟާން މަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ 'ސައްތަ ކިލޯ' ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ހުޅުމާލޭގައި ހުންނަ ފިޓްޒޯން އާއި ރާއްޖެޓީވީ ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިޕްރޮގްރާމަކީ 3 މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ މުޅިން ހިލޭ ބައިވެރިވެވޭ ޕްރޮގްރާމެކެވެ.
ރާއްޖެ އެމްވީ އާއި ވާހަކަދައްކަމުން ޕްރޮގްރާމްގެ ޕްރޮޑިއުސަރ އަހްމަދު ސިރާޖު ބުނީ މިޕްރޮގްރާމްގެ މަޤްޞަދަކީ ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ހޯދައި ދޭނެ ކަމަށާއި ދިރިއުޅުމުގެ ތަފާތު ގިނަ ތަޖްރިބާތަކެއް މިކުދިންނަށް ދަސްކޮށްދޭ އިރު ޕްރޮގްރާމަށް ބައިވެރިން ހޮވާނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަކި ކަންތައްތަކަށް ބަލާފައި ކަމަށް ސިރާޖު ބުންޏެވެ.
ފިޓްޒޯންގެ ފަރާތުން މެނޭޖިން ޑިރެކްޓަރ އަހްމަދު ރިޔާޒް ވިދާޅުވީ މިއީ ބަރުދަން ލުއި ކުރަން ބޭނުންވެފައި ތިބި ފަރާތްތަކަށް ދޭ ހާއްސަ މެސެޖެއް ކަމަށާއި ފިޓްޒޯން އިން އެފަދަ ފަރާތްތަކަށް ހާއްސަ ޕްރޮގްރާމްތަކެއް އެބަހުރި ކަމަށެވެ.
2016 ވަނަ އަހަރު ކުރިއަށްގެންދިޔަ ސައްތަ ކިލޯ ޕްރޮގްރާމަށް ވަރަށް ގިނަ ބައެއްގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު އެޕްރޮގްރާމްގައި ބައިވެރިވި ގިނަ ބައިވެރިންނަކީ ސައްތަ ކިލޯއަށް ވުރެ ބަރު ފަރާތްތަކެވެ. އެގޮތުން ތިން މަސްދުވަހަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި ބައިވެރިވި 9 ބައިވެރިން ވެސް ވަނީ ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްފައެވެ. ޕްރޮގްރާމުން އެއްވަނައަށް ދިޔަ ފައިހާ ޖަލާލް ވަނީ 124 ކިލޯއިން 74 ކިލޯއަށް ބަރުދަން ލުއިކޮށްފައެވެ.
2018 ވަނަ އަހަރުގެ ރަމަޟާން މަހު ބާއްވާ މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ އިރު، ފޯމް ފުރިހަމަ ކުރުމަށް ފަހު ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރާއްޖެޓީވީ އަށް ހުށަހަޅަން ޖެހޭނެއެވެ. މިފޯމް ރާއްޖެޓީވީގެ ރިސެޕްޝަނުން ވެސް ލިބެން ހުންނާނެއެވެ.
މި ޕްރޮގްރާމްގައި ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.