ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 17:48
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާ
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާ
ގެޓީ އިމޭޖަސް
ނޭމާ ޕްރިމިއާ ލީގަށް
ޕްރިމިއާ ލީގަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް ނޭމާ ދީފި
ނޭމާ އަށް ގިނަ ކްލަބްތަކުން ޝައުގުވެރިވޭ

ޕްރިމިއާ ލީގަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ނޭމާ ދީފިއެވެ.

ނޭމާ ބުނީ، ޕްރިމިއާ ލީގަކީ ދުނިޔޭގައިވެސް އޮތް އެންމެ ވަރުގަދަ އެއް ލީގު ކަމަށާއި، ކޮންމެ ކުޅުންތެރިޔަކުވެސް އެ ލީގުގައި ކުޅެން ބޭނުންވާނެ ކަމަށެވެ.

އެގޮތުން ނޭމާ ބުނީ މާދަމާ ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި، ކޮންމެ މޮޅު ކުޅުންތެރިޔަކުވެސް އެއް ދުވަހަށް ނަމަވެސް ޕްރިމިއާ ލީގުގައި ކުޅެލަން ޖެހޭ ކަމަށެވެ.  

ބައެއް ރިޕޯޓްތައް ބުނާގޮތުން ނޭމާ އާއި ޕީއެސްޖީއާ ދެމެދު ވަނީ ހިތްހަމަނުޖެހުންތައް އުފެދިފައެވެ. އެގޮތުން ނޭމާ ބޭނުންވަނީ ޕީއެސްޖީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާށެވެ.

އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން ނޭމާއަށް ރިލީޒް ދިނުމާމެދު ޕީއެސްޖީން އަދި ގޮތެއް ނުނިންމައެވެ. އޭނާ ހޯދުމަށް ކުރީގެ ކްލަބް ބާސާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނޭމާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަނިކޮށް ބާސާއިން އޭނާ ޕީއެސްޖީއަށް ވިއްކާލާފައި ވަނީ 222 މިލިއަން ޔޫރޯއަށެވެ. އޭނާ ހޯދުމަށް ޗައިނާ އަދި ޕްރިމިއާ ލީގުގެ ކްލަބްތަކުންވެސް މަސައްކަތްކުރިއެވެ.

ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާއަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަރކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 48 މެޗުގައި 43 ލަނޑު ޖަހާފައެވެ. ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 96 މެޗުގައި 60 ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު އަދި ސައުތު އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް 2011 ވަނަ އަހަރު ބްރެޒިލްއާއެކު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް