ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 00:12
ދިރާގު ދިވެހި ލީގުގައި ދަގަނޑޭ ލަނޑެއް ޖެހުމަށްފަހު އުފާފާޅުކުރަނީ
ދިރާގު ދިވެހި ލީގުގައި ދަގަނޑޭ ލަނޑެއް ޖެހުމަށްފަހު އުފާފާޅުކުރަނީ
މިހާރު
މިހާރު އެވޯޑްސް
މިހާރު އެވޯޑްސް: ރަންބޫޓް ދަގަނޑޭ އަށް
ދަގަނޑޭ ވަނީ މި ސީޒަނުގައި 42 ލަނޑު ޖަހާފައި

މިހާރު އެވޯޑްސްގައި ދިވެހި ފުޓުބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓް އެވޯޑް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ އަލީ އަޝްފާގު (ދަގަނޑޭ) ކަށަވަރުކޮށްފިއެވެ.

މިހާރު އެވޯޑްސް ގައި ރަން ބޫޓު ދެނީ ޕޮއިންޓް ސިސްޓަމަށް ބަލަައިގެންނެވެ. އެ ގޮތުން މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގައި ޖަހާ ލަނޑަކަށް ކޮންމެ ކުޅުންތެރިޔަކާށް ވެސް އެއް ޕޮއިންޓް ލިބޭނެ އެވެ.

ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ޖަހާ ގޯލުތަކަށް ދެ ޕޮއިންޓް ލިބޭއިރު، ގައުމީ ޓީމާއި ކްލަބް ލެވެލްގެ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޖަހާ ކޮންމެ ގޯލަކަށް ތިން ޕޮއިންޓް ލިބޭނެ އެވެ.

މި ސީޒަނުގެ ކުރީކޮޅުގައި ނިއު ރޭޑިއަންޓަށް ކުޅުމަށް ފަހު ފަހުން ޓީސީ އަށް ބަދަލުވި އުމުރުން 33 އަހަރުގެ ދަގަނޑޭ ވަނީ މި ސީޒަނުގައި ޖުމްލަ 42 ގޯލު ޖަހައިފަ އެވެ. ދަގަނޑޭ ރަން ބޫޓު ހާސިލްކުރީ 76 ޕޮއިންޓް ހަމަކޮށްގެންނެވެ. ދަގަނޑޭގެ ޕޮއިންޓްތަކުގެ ތަފްސީލަށް ބަލާއިރު ނިއު އަށް އޭއެފްސީ ކަޕުގައި ޖަހައިދިން ހަ ގޯލަށް ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. ނިއު އަށް މާލޭ ލީގުގައި ޖަހައިދިން 14 ލަނޑަށް 14 ޕޮއިންޓް ލިބުނުއިރު، ޓީސީ އަށް ދިވެހި ޕްރިމިއާ ލީގުގައި ޖަހައިދިން 22 ލަނޑަށް ވަނީ 44 ޕޮއިންޓް ލިބިފަ އެވެ.

ދެ ވަނަ އަށް ދިޔައީ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ސީޒަނުގައި ޖުމްލަ 33 ލަނޑު ޖެހި ރިޒޭ އަށް ލިބުނީ 62 ޕޮއިންޓެވެ. މާލޭ ލީގުގައި ޖެހި ހަތަރު ގޯލަށް ރިޒޭ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ޕްރިމިއާ ލީގުގައި ޖެހި 29 ގޯލަށް ވަނީ 58 ޕޮއިންޓް ލިބިފަ އެވެ.

މިދިޔަ އަހަރުގެ ރަން ބޫޓު ހާސިލްކުރި ސެންޓޭ މި ފަހަރު ދިޔައީ ތިން ވަނަ އެވެ. އޭނާ މިދިޔަ އަހަރު ރަން ބޫޓު ހޯދީ 24 ލަނޑު ޖަހައިގެންނެވެ. މި ސީޒަނުގައި އޭނާ ވަނީ 28 ލަނޑު ޖަހައި، 54 ޕޮއިންޓް ހޯދައިފަ އެވެ. ގައުމީ ޓީމާއި އޭއެފްސީ ކަޕުގައި ޖެހި ހަ ގޯލަށް ސެންޓޭ އަށް ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. މާލޭ ލީގުގައި ޖެހި އަށް ގޯލަށް އަށް ޕޮއިންޓް ލިބުނުއިރު، ޕްރިމިއާ ލީގުގައި ޖެހި 14 ލަނޑަށް ވަނީ 28 ޕޮއިންޓް ލިބިފަ އެވެ.

މިހާރުން ބުނީ ރަން ބޫޓު ހޮވާއިރު ޕޮއިންޓް ސިސްޓަމަށް ބަލަން ނިންމީ މުބާރާތްތައް ގިންތިކޮށް އެކި ފެންވަރުގެ މުބާރާތްތަކުގައި ކުޅުންތެރިންގެ ވާދަވެރިކަން ބޮޑުކުރުމުގެ ގޮތުން ކަމަށެވެ.

މިހާރު އެވޯޑްސްގައި ރަންބޫޓުގެ އިތުރުން އަހަރުގެ އެންމެ މޮޅު ތިން ފުޓްބޯޅަ ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ވޮލީބޯޅައިގެ ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ. ދެން އޮންނާނީ އިންޑިވިޖުއަލް ކެޓަގަރީ އެވެ. އެގޮތުން ބެޑްމިންޓަން، އެތުލެޓިކްސް، ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ ކުޅުންތެރިޔާ ހޮވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް