މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެވެ. މި ދުވަސް ބައިނަލްއަޤުވާމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ފަށާފައިވަނީ 1992 ވަނަ އަހަރުއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރު ބިނާވެގެން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުވައި، އިޖުތިމާއީ އެކިއެކި ކަންކަމުގައި އެހެން މީހުންނެކޭ އެއްގޮތަށް ޝާމިލުވެ އުޅުމުގެ ފުރުސަތު ދިނުމުގެ މައްޗަށެވެ. މީގެ އިތުރުން އެފަދަ މީހުންނަށް މުޖުތަމައުގައި ހަމަހަމަކަން ޤާއިމުކޮށްދިނުންވެސް މި ޝިއާރުގެ މަޤްސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މި ދުވަހާއި ގުޅޭގޮތުން ނެރިފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނަށް ހުށައަޅާ ބައެއް މައްސަލަ ތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާއިލާގެ ފަރާތުން ލިބެންޖެހޭ އެކަށީގެންވާ އަޅާލުން ނުލިބުމާއި، އިހުމާލު ވުމުގެ މައްސަލަތަކާއި، އެފަދަ މީހުންނަށް ލިބެންޖެހޭ އިނާޔަތްތައް ނުލިބުމާއި، ސަރުކާރުގެ އިދާރާތާކުން އެފަރާތްތަކާމެދު ތަފާތުކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
މި ދުވަހާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމުގައި 16 އަހަރު ހޭދަކޮށްފައިވާ، ރާއްޖޭގެ ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރ އަހުމަދު ހިޝާން ވިދާޅުވީ ބައެއް ސުކޫލުތަކުގައިވެސް އަދިވެސް ތަފާތު ކުރުން ގެންގުޅޭ ކަމަށާއި، ކަނޑައެޅޭ ޝިއާރުތަކަށް ބައެއް މުއައްސަސާތަކުން އަމަލު ނުކުރާތީ ތަންފީޒީ މަރުހަލާ ތަކުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
"ކޮންމެ އަހަރަކުވެސް ޝިއާރެއް ކަނޑައެޅި ކަމުގައި ވިިޔަސް އެ ޝިއާރަށް މުއައްސަސާތަކުން އަމަލު ނުކުރާތީ ޝިއާރު ތަންފީޒު ކުރުމުގައި ހުރަސް ތަކެއް ހުރިކަމަށް ފާހަގަކުރެވޭ. އެފަދަ އާއިލާތައް ބާރުވެރިކުރަން ބޭނުން ނަމަ މަސައްކަތެއް ނުކޮށް އެ ކުދިން ބަލަހައްޓަން ތިބޭ ބެލެނިވެރިންނަށް އިނާޔަތްތަކެއް އެބަ ދޭންޖެހޭ. ހަމަ އެއާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތް އެބަ ބޮޑުކުރަން ޖެހޭ،" ހިޝާން ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވަނީ ހާއްސަ ޚިޠާބެއް ދެއްވާފައެވެ. އެ ޚިތާބުގައި މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ޝިޢާރުގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ ތެރޭގައި އެހެންމީހުންނެކޭ އެއްހަމައެއްގައިވާ ފަރާތްތަކެއްކަމުގައި ބަލައިގަތުންކަމުގައެވެ.
"ހަޤީޤަތުގައި މުޅި ދުނިޔޭގަވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބަލާ އިރުގަ ވަރަށް ބޮޑަށް އެކުދިން ބައިވެރި ކުރުވުމުގަ މި ޖެހެނީ އިތުރު މަސައްކަތްތަކެއް ކުރަން. އެއީ މުޖުތަމައުގެ ހުރިހާ ކަމެއްގައި ވިޔަސް. ވަޒީފާގެ މައިދާނުގައި ވިޔަސް ތައުލީމީ ދާއިރާގަ ވިޔަސް އަދި ސިއްހީ ގޮތުން ވިޔަސް އެހެނިހެން ގޮތްގޮތުން ވިޔަސް ހާއްސަ ކަންކަން ކޮށްގެން ހާއްސަ އިންތިޒާމުތަކެއް ކޮށްގެން ނޫނީ މިކުދިންނަށް މުޖުތަމައުގަ އެހެން ކުދިންނަށް ލިބޭ ފުރުސަތުތަކެއް ނުއެއް ލިބޭ،" ދުވަހާ ގުޅިގެން ރަސްރަނި ބަގީޗާގައި އޮތް އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން މިސަރުކާރުން ކުރުމަށް ރާވާފައިވާ މުހިއްމު މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ޝުކުރު ދަންނަވާ ކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީގެ ފަރާތުން ދަނީ ތަފާތު ހަރަކާތްތަކެއްވެސް ބާއްވަމުންނެވެ.