ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމާއި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށާއި، މައްސަލަތައް ރިޕޯޓުކުރުމުގައި އެފަރާތްތަކުގެ ކަރާމާތަށް އުނިކަން ނުލިބޭގޮތަށް މައްސަލަތައް ރިޕޯޓުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މީޑިއާއަށް އިލްތިމާސްކޮށްފިއެވެ.
ދުނިޔޭގެ ފެންވަރުގައި ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަސް ހޯމަ ދުވަހު ފާހަގަކުރަމުންދާއިރު އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ގެއްލިގެންކަމަށްބުނެ މި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، ޢާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުން ނުލިބުމާއި، އިހުމާލުގެ މައްސަލަތަކާއި، އިނާޔަތް ނުލިބުމާއި، ސަރުކާރުގެ އިދާރާތާކުން އެފަރާތްތަކާމެދު ތަފާތުކުރާ މައްސަލަތައް ހިމެނޭ ކަމަށެވެ.
އެފަދަ ފަރާތްތަކަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކައި، އަމާން ހިޔާތައް ހިންގާނެ ގޮތްތައް ހަމަޖެއްސުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމާއި، އެމީހުންނަށް ބޭނުންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އަމިއްލައަށް ދިރިއުޅުމުގެ ކަންކަންކުރުމަށް ޤާބިލްބަޔަކަށް ހެދުމަށް މަސައްކަތްކުރުމަށާއި، އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެގޮތުން އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި ހަރަކާތްތެރިވެ އުޅުމަށް މަގުފަހިކުރުވައި، އެފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް، މުޖުތަމަޢުގެ ފަރާތުން އިޙްތިރާމާއި، ލޯތްބާއި، އޯގާތެރިކަމާއި، އަޅާލުން ފޯރުކޮށްދީ، އެފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމުކުރުން ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން މިއަހަރުގެ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން އ.ދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ:
“Empowering persons with disabilities and ensuring inclusiveness and equality”
މި ޝިއާރު ބިނާވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމާއި، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމަޢުގެ ކަންކަމުގައި އެފަރާތްތައް ބައިވެރިކުރުމުގެ މައްޗަށެވެ.
މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި އެފަރާތްތަކުގެ ބައިވެރިވުމާއި ޚިޔާލު ހޯދުމާއި ތަފާތުކުރުމެއްނެތި ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުން ކަމަށްވެސް އެޗްރާއްސީއެމްއިން ބުންޏެވެ.ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދީފައިވެއެވެ.
އަދި އެމީހުންނަށް ލިބެންވާ ލޯތްބާއި އަޅާލުމާއި ރައްކާތެރިކަން ދިނުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށް ދެކި، މުޖުތަމަޢުގެ ހުރިހާކަމެއްގައިވެސް އެމީހުންނަށް ބައިވެރިވެވޭނެ އިންތިޒާމްތައް ހަމަޖައްސާ އެހެން މީހުންނެކޭ އެއްފަދައިން ކަންކަމުގައި ބައިވެރިކުރުމާއި، އެފަރާތްތަކަށް އެކަށީގެންވާ މާޙައުލެއް ޤާއިމްކޮށްދިނުމަށް ފަރުދީ ހައިސިއްޔަތުންނާއި ދައުލަތުގެ ފަރާތުން އިތުރަށް މަސައްކަތްކުރުމަށް އިލްތިމާސްކުރަމެވެ.