ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނި ހިންދީ ސާގާފަތާއި އެއްގޮތަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުން މި ޖޯޑުގެ ކައިވެނި ޖޯދްޕޫރުގެ އުމެއިދް ބާވަން ޕެލެސްގައި ހޮނިހިރު ދުވަހު ކްރިސްޓިއަން ސަގާފަތާއި އެއްގޮތަށް ކުރުމަށްފަހު އާދިއްތަ ދުވަހު ވަނީ ހިންދީ ސަގާފަތާއި އެއްގޮތަށް ކޮށްފައެވެ.
މި ދެމީހުންގެ ކައިވެނީގެ ފޮޓޯއެއް މިހާތަނަށް ހިއްސާކޮށްފައި ނުވި ނަމަވެސް އެމީހުންގެ މެހެދީ އަދި ހަލްދީ ސެރެމްނީގެ ފޮޓޯތައް ވަނީ ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ކައިވެނީގެ ފޮޓޯތައް ހިއްސާ ނުކުރިނަމަވެސް އެދެމަފިރިންގެ ހެދުން ފަރުމާ ކޮށްފައިވަނީ ރަލްޕް ލޯރެން އެވެ.
އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކް ކައިވެނި ކޮށްފައި މިވަނީ އެންގޭޖް ކުރިތާ ހަތަރު މަސް ފަހުންނެވެ.
އެ ދެ މީހުން ފުރަތަމަ މެސެޖުން ވާހަކަ ދައްކަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު ގައެވެ.
މި ދެމީހުން ފުރަތަމަ ފަހަރަށް އެކުގައި ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު މެއި މަހު މެޓް ގާލާ އިން ރަލްފް ލޯރެން ހެދުމެއްގައެވެ.
ނަމަވެސް މިދެމީހުންގެ ގުޅުމުގެ ވާހަކަ ދެކެވެން ފަށާފައިވަނީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.