ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 19:20
ނަބާހާ އަދި ނަބީހާ
ނަބާހާ އަދި ނަބީހާ
ފޭސްބުކް
ދެކުނު އޭޝިއާ ޔޫތު ބެޑްމިންޓަން
ދެކުނު އޭޝިއާ ޔޫތު ބެޑްމިންޓަން: ނަބާ އާއި ނަބީހާ ރިހި މެޑަލް ހޯދައިފި
ރިހި މެޑަލް ލިބުނީ ފައިނަލުން ބަލިވެގެން

ނޭޕާލުގައި ކުރިއަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ ރިހި މެޑަލް ހޯދައިފިއެވެ.

މި ދެ ކުޅުންތެރިން ރިހި މެޑަލް ހޯދީ ފައިނަލުގައި އިންޑިއާގެ ޕެއާ އެއް ކަމަށްވާ ޕޫރްވާ ބާވޭ އާއި ތަނީޝާ ކްރާސްތޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެގެންނެވެ.

މިއަހަރުގެ މުބާރާތުން މި ދެކުޅުންތެރިން ރިހި މެޑަލް ހޯދިއިރު، މިދިޔަ އަހަރު ވެސް މި ދެކުޅުންތެރިން ވަނީ މިމުބާރާތުން ރިހި މެޑަލް ހޯދާފައެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލުން ނަބާހާ އާއި ނަބީހާގެ ޕެއާ ޖާގަހޯދީ މިއަދު ކުޅުނު ސެމީގައި ބަންގްލަދޭޝްގެ ރޭޝްމާ އަޚްތަރު އާއި އުރްނީ އަޚްތަރުގެ ޕެއާ އަތުން މޮޅުވެގެންނެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-14، 21-15 އިންނެވެ.

މި ފަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދި ނަބާހާ ވަނީ އަންހެން ސިންގަލްސް ބައިގެ ސެމީ ފައިނަލުގައި ކުޅެ، ލޯ މެޑަލް ހާސިލްކޮށްފަ އެވެ. ސެމީގައި އޭނާ ބަލިވީ އިންޑިއާގެ މަލްވި ބެންސޯޑް އަތުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-09، 21-14 އިންނެވެ.

ނަބީހާ އާއި ނަބާހާގެ އިތުރުން މި ފަހަރު މި މުބާރާތުގައި ކުޅުނު ރާއްޖޭގެ ޓީމުގައި ހިމެނެނީ ނިބާލް އަހުމަދާއި މުހައްމަދު އާކިފް، މުހައްމަދު ރަފާހު އަދި މާޝާ ރަޝީދު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް