ރާއްޖޭގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ޤާއިމް ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޗައިނާއަކީ ޕެސިފިކްގައި އޮންނަ ޤައުމަކަށްވެފައި، ޗައިނާއާއެކު އަސްކަރީ ގުޅުންތަކެއް ބާއްވާނަމަ ޗައިނާގެ އަސްކަރީ ބޭސްއެއް ރާއްޖޭގައި ހަދަންޖެހޭކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވެފައި ވަނިކޮށެވެ. އަދި ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ ބޭސްއެއް ނަހަދާނެ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ މަރުކަޒެއް ޤާއިމްނުކުރާނެކަމަށާއި އެކަމަށް ފުރުސަތެއް ނުދެއްވާނެކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް ވިދާޅުވެފައި ވަނިކޮށެވެ.
ސަފީރު ޒަންގް ލިޒޯންގް ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމެދު އަސްކަރީ ގޮތުން ގާތް ގުޅުމެއް އަބަދުވެސް އޮންނަ ކަމަށާއި ފާއިތުވި އަހަރުތަކުގައި ޗައިނާއިން ވަނީ އެމްއެންޑީއެފްއަށް ތަފާތު ގިނަ ތަމްރީނު ފުރުސަތުތައް ދީފައި ކަމަށެވެ.
އެގޮތުން ދާދި ފަހުން ޗައިނާއިން ހުރިހާ ވަސީލަތާއިއެކު ސީ އެމްބިއުލާންސެއް ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށާއި އަދި ރާއްޖޭގެ ކޯސްޓްގާޑުންވެސް ޗައިނާގެ ފަތުރުވެރިންނަށް އިމަޖެންސީ ހާލަތްތަކުގައި ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
އެހެންކަމުން ދެ ގައުމުގެ ދެމެދުގައި އަބަދުވެސް މި ރަހްމަތްތެރިކަމުގެ ގުޅުން ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ.