ކ. މާލެ
|
29 ނޮވެންބަރ 2018 | ބުރާސްފަތި 11:10
ޕީއެސްޖީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޕީއެސްޖީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ޕީއެސްޖީ އަތުން ބަލިވެ ލިވަޕޫލަށް އިތުރު އުނދަގުލެއް
ލިވަޕޫލް އަތުން ޕީއެސްޖީ ބަލިވީ 1-2 ގެ ނަތީޖާއަކުން
ގްރޫޕްގެ ދެވަނައިގައި ޕީއެސްޖީ އޮތް އިރު، ލިވަޕޫލް އޮތީ ތިންވަނައިގައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވެ ލިވަޕޫލަށް އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް ބަލިވީ ޕީއެސްޖީއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ޕީއެސްޖީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން 13 ވަނަ މިނެޓުގައި ހުއާން ބާނެޓް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ޕީއެސްޖީން ދިޔައީ ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލިވަޕޫލްގެ ގޯލަށް ނުރައްކާކޮށް އެޓީމުން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ހޯދާފައެވެ.

ޕީއެސްޖީން ލީޑު ފުޅާކުރީ 39 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ ޖޭމްސް މިލްނާ ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ލިވަޕޫލްގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލް އިން ވަނީ އެޓީމުގެ އެޓޭކްތައް ގިނަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތު އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

މި ހާފްގައި ޕީއެސްޖީއަށްވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މެޗުން ބަލިވި ލިވަޕޫލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ނަޕޯލީ މޮޅުވީ ރެޑް ސްޓާއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ނަޕޯލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 11 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޝިކްއެވެ.

މި ލަނޑަށްފަހުވެސް ނަޕޯލީން ދިޔައީ ރެޑް ސްޓާގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 33 ވަނަ މިނެޓުގައި މާޓެންސް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ރެޑް ސްޓާގެ މައްޗަށް ނަޕޯލީ ކުރީގައި އޮވެގެނެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ނަޕޯލީން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީވެސް މާޓެންސްއެވެ. މެޗުގައި ރެޑް ސްޓާގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 57 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބެންއެވެ.

މި ނަތީޖާއާއެކު ނަޕޯލީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ރެޑް ސްޓާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް