ކ. މާލެ
|
29 ނޮވެންބަރ 2018 | ބުރާސްފަތި 11:04
ބާސާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ބާސާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ގްރޫޕްގެ އެއްވަނަ ބާސާ ކަށަވަރުކުރިއިރު، ޓޮޓެންހަމް އުންމީދު އާކޮށްފި
ބާސާ އެއްވަނަ ކަށަވަރުކުރީ ޕީއެސްވީ ބަލިކޮށްގެން
ޓޮޓެންހަމް އުންމީދު އާކުރީ އިންޓަ ބަލިކޮށްގެން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ގްރޫޕްގެ އެއްވަނަ ކަށަވަރުކުރިއިރު، ޓޮޓެންހަމް ހޮޓްސްޕާ ގަދަ 16 ގެ އުންމީދު އާކޮށްފިއެވެ.

ގްރޫޕް ބީގެ އެއްވަނަ ބާސާއިން ކަށަވަރުކުރީ ބުދަ ދުވަހުގެ ރޭ ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ޕީއެސްވީގެ ދަނޑުގައި ކުޅުނު މި މެޗު ފެށުނީއްސުރެ ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ބާސާ އިންނެވެ. އެގޮތުން އެޓީމުން ވަނީ ޕީއެސްވީގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

މި ހާފްގައި ޕީއެސްވީއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމުވެސް އެއްވަރުވެގެންނެނެވެ.

ދެވަނަ ހާފް ފެށިގެން ބާސާ އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން 61 ވަނަ މިނެޓުގައި އުސްމާނޭ ޑެމްބެލޭގެ އެހީތެރިކަމާއެކު ލިއޮނެލް މެސީ ކާމިޔާބުކުރި ލަނޑުން ބާސާއިން ވަނީ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ބާސާ އިން ދިޔައީ ޕީއެސްވީގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 70 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެސީގެ އެހީތެރިކަމާއެކު ޖެރާޑް ޕީކޭއެވެ.

މެޗުގައި ޕީއެސްވީގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 83 ވަނަ މިނެޓުގައި އެންޖެލީނޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޑީޔޮންގްއެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ޕީއެސްވީ އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

ގަދަ 16 ގެ އުންމީދު ޓޮޓެންހަމްއިން އާކުރީ އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު ފެށުނީއްސުރެ ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޓޮޓެންހަމްއެވެ. އެގޮތުން އެޓީމުން ދިޔައީ ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

މި ހާފުގައި ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އިންޓައިންވެސް ވަނީ ލީޑު ނެގުމަށް މަސައްކަތް ކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމުވެސް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އިންޓައަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ޓޮޓެންހަމްއިން ވަނީ މި ހާފްގައި ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެޓީމުން ވަނީ އެޓޭކްތައް ވަރުގަދަކޮށް، ހަމަލާތައްވެސް އިތުރުކޮށްފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 81 ވަނަ މިނެޓުގައި ޑެލެއަލީގެ އެހީތެރިކަމާއެކު ޓޮޓެންހަމްއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަންއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މެޗުން ބަލިވި އިންޓަ އޮތީ ޓޮޓެންހަމްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ގްރޫޕްގެ ތިންވަނައިގައެވެ. އެޓީމަށް ތިންވަނަ ލިބެނީ ހެޑްޓު ހެޑުންނެވެ.

ގްރޫޕްގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު، ދެވަނައަށް ވާދަކުރަމުން އަންނަނީ ޓޮޓެންހަމް އަދި އިންޓައެވެ. ތިންވަނަ ލިބޭ ޓީމަކަށް ޔޫރޮޕާ ލީގުން ޖާގައެއް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް