ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ތައްޔާރީތައް އަޅުކަމަށްފަހު ބުދަ ދުވަހު މުމްބާއީ ގައި ފަށައިފި އެވެ.
މި އަޅުކަމުގައި މަޑު ނޫކުލައިގެ އެމްބްރޮއިޑެޑް ހެދުމެއްގައި ޕްރިޔަންކާ ހުރިއިރު އޭނާގެ ފިއޭސޭ ނިކް ހުރީ މަޑު ފިޔާތޮށި ކުލައިގެ ކުރުތާއެއްގައެވެ.
ކައިވެނީގެ ކުރިން ބާއްވާފައި އޮތް މި އަޅުކަމުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިންޑިއާ އަށް ދިޔަ ނިކްގެ ބޭބެ ޖޯއީ ޖޯނަސް އާއި އެނާގެ ފިއޭންސޭ އެކްޓްރެސް ސޯފީ ޓާނާ ވެސް ވަނީ ބައިވެރި ވެފައެވެ.
މި ފެށޭ ޑިސެމްބަރު މަހުގެ 2 ގައި މި ޖޯޑްގެ ކައިވެނި ޖޯދުޕޫރުގައި ކުރުމަށް ހަމަޖެހިފައިވާއިރު ދެފަތާރުގެ އާއިލާ ވެސް ވަރަށް އަވަހަށް ޖޯދުޕޫރަށް ދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ނިކް ވެސް ކައިވެންޏަށް އިންޑިއާ އަށް ދިއުމަށް ފަހު ދިއްލީގައި ޕްރިޔަންކާއި އެކު ތެންކްސްގިވިން ވަނީ ފާހަގަ ކޮށްފައެވެ.
"ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިންތައް ނެގުމަށް ދިއްލީގައި ހުރުމަށްފަހު ޕްރިޔަންކާ އާއި ނިކް އެކުގައި އެނބުރި މުމްބައީ އަށް ގޮސްފައި ވަނީ ދާދި ފަހުންނެވެ.
ޖޯއީ އާއި ސޯފީ އިންޑިއާ އަށް ދިއުމުން މި ހަތަރު ޖޯޑާއި ޕްރިޔަންކާގެ ކަޒިން ޕަރިނީތީ ޗޯޕްޅާ އަދި އެމީހުންގެ ރައްޓެހިން އެކުގައި ވަނީ މުމްބާއީގައި ޕާޓީކޮށްފައެވެ.
ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ހަފްލާތައް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 29 ވަނަ ދުވަހު ޖޯދްޕޫރުގެ މެހެރަންގަރު ފޯޓްގައެވެ.
މިމަހުގެ 14 އަދި 15 ގައި ކައިވެނި ކުރި ދިޕިކާއި އާއި ރަންވީރުގެ ކައިވެނި ކުރިއަށް ދިޔަގޮތަށް ދެ ގޮތަކަށް މި ޖޯޑުގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން ޑިސެމްބަރު 2 ގައި ހިންދީ ސަގާފަތާއި އެއްގޮތަށް ކައިވެނި ކުރުމަށް ހަމަޖެހިފައިވާއިރު ޑިސެމްބަރު 3 ގައި ކްރިސްޓިއަން ސަގާފަތާއި އެއްގޮތަށް ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.