ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 11:24
ރެއާލް އަދި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް އަދި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ރެއާލް އަދި ސިޓީ ގަދަ 16 އަށް ދަތުރުކޮށްފި
ރޯމާގެ މައްޗަށް ރެއާލް ކުރިހޯދީ 0-2 ގެ ނަތީޖާއަކުން
ސިޓީ އަދި ލިޔޯން ވަނީ 2-2 އިން އެއްވަރުވެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް ޖީގައި ކުޅުނު މެޗުން ރެއާލް މޮޅުވީ ރޯމާއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ރޯމާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔައީ ރެއާލްއެވެ. އެގޮތުން އެޓީމުން ދިޔައީ ރޯމާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

މި ހާފްގައި ރޯމާ އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމުވެސް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ރެއާލް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެރެތް ބޭލްއެވެ.

މި ލަނޑަށްފަހުވެސް ރެއާލް އިން ދިޔައީ ރޯމާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 59 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ އެހީތެރިކަމާއެކު ލޫކަސް ވަޒްކުއޭޒް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

މި ހާފްގައިވެސް ރޯމާ އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް މާ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ރެއާލް ވަނީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހަމަކޮށް ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފައެވެ. މެޗުން ބަލިވި ރޯމާ ވަނީ ކުޅުނު ފަސް މެޗުން ނުވަ ޕޮއިންޓް ހަމަކޮށް ގްރޫޕްގެ ދެވަނަ ކަށަވަރުކޮށްފައެވެ. މި ދެޓީމަށްވެސް ވަނީ ގަދަ 16 އިން ޖާގަ ލިބިފައެވެ.

މި ގްރޫޕްގައި ހިމެނޭ ވިކްޓޯރިއާ ޕްލެޒެން އާއި ސީއެސްކޭއޭ މޮސްކޯ ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިކްޓްރޯރިއާ ޕްލެޒެންއެވެ.

މި ނަތީޖާއާއެކު ވިކްޓޯރިއާ ޕްލެޒެން ވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ އަށް ޖެހިލާފައެވެ. ވިކްޓޯރިއާ ޕްލެޒެންއާ އެއް އަދަކަށް ޕޮއިންޓް ލިބިފައިވާ މޮސްކޯ އޮތީ ހަތަރުވަނައިގައެވެ. އެޓީމަށް ހަތަރުވަނަ ލިބުނީ ހެޑްޓު ހެޑަށް ބަލާފައެވެ.

ސިޓީ ގަދަ 16 އަށް ދަތުރުކުރީ އަންގާރަ ދުވަހުގެ ރޭ ގްރޫޕް އެފްގައި ކުޅުނު މެޗުގައި 2-2 ގެ ނަތީޖާއިން ލިޔޯންއާ އެއްވަރުކޮށް، ހޯދި ޕޮއިންޓާއެކުގައެވެ.

ލިޔޯން ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ސިޓީގެ ފަރާތުން ފެނިގެންދިޔަ ހަމަލާތައް ފާހަގަކޮށްލެވެއެވެ.

މި ހާފްގައި ލިޔޯންގެ ފަރާތުން މޮޅު ޑިފެންސެއް ފެނިގެން ގޮސްފައިވާއިރު، ސިޓީންވެސް ވަނީ ބައިކޮޅަށް ލަނޑެއް ވަނެ ނުދިނުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމުވެސް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ލިޔޯން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 55 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކޯނެޓްއެވެ.

އެހެންނަމަވެސް 62 ވަނަ މިނެޓުގައި ލަޕޯޓް ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަކޮށްފައެވެ. ލިޔޯން އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ 81 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ކާމިޔާބުކުރީ ކޯނެޓްއެވެ.

ސިޓީން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ 83 ވަނަ މިނެޓުގައި ސާޖިއޯ އަގުއެރޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ރިޔާދް މަހްރޭޒްގެ އެހީތެރިކަމާއެކުގައެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. ލިޔޯން އޮތީ ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ.

މި ގްރޫޕްގައި ހިމެނޭ ހޮފެންހަމް އަދި ޝަހްތަރު ޑޮނެސްކް ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއިން ކާމިޔާބުކުރީ ޝަހްތަރުންނެވެ.

މި ނަތީޖާއާއެކު ޝަހްތަރު އޮތީ ކުޅުނު ފަސް މެޗުން ފަސް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. މެޗުން ބަލިވި ހޮފެންހަމް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް