ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފިއެވެ.
ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުގެ އިތުރުން ޖޮއިންޓް ޕީޖީގެ ލީޑަރަކަށް ވުމަކީ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ވެސް މަސައްކަތް ފަށާނީ ޖޮއިންޓް ޕީޖީގެ ހިންގާ ގަވާއިދު އެކުލަވާލުމަށް ކަމަށެވެ.
އެގޮތުން މިޤަވާއިދު އެކުލަވާލުމަށްޓަކައި ޖޮއިންޓް ޕީޖީގެ ބައްދަލުވުމެއް ވަރަށް އަވަށް ބާއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަދި ޖޮއިންޓް ޕީޖީން އެންމެ އިސްކަމެއް ދޭނީ ސަރުކާރުގެ އިސްލާހީ އެޖެންޑާގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށް ކަމަށާއި އަދި ސަރުކާރުން ހުށަހަޅާ ބިލްތަކަކަށް އެ ގުރޫޕުގައި ވެސް ފުޅާ ދާއިރާއެއް ގައި މަޝްވަރާ ކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ޖޭޕީޖީގެ ނާއިބް ލީޑަރުންގެ ގޮތުގައި ތިއްބަވާނީ ޖޭޕީޖީގައި ހިމެނޭ ޕާޓީ ތަކުގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުން ކަމަށެވެ. އެގޮތުން ޖޭޕީގެ ފަރާތުން އެޕާޓީގެ ޕާލިމެންޓްރީ ލީޑަރު އަބްދުﷲ ރިޒާޔް، އަދާލަތު ޕާޓީގެ ޕާލިމެންޓްރީ ލީޑަރު އަނާރާ ނައީމް، އަދި އެމްއާރްމްގެ ފަރާތުން މެމްބަރަކު ނާއިބު ލީޑަރެއްގެ ގޮތުގައި ހުންނަވާނެއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލީހުގައި ކުރިއަށް ދާ މަސައްކަތްތައް ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދިއުމަށްޓަކައި ޖޭޕީޖީން އިސް ދައުރެއް އަދާކުރާނެ ކަމަށާއި އަދި މަޖިލީހުގެ ކަރާމާތް ހިފެހެއްޓުމަށް މިގުރޫޕުން މަސައްކަތް ކުރައްވާނެ ކަމަށެވެ.