ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 21:54
ދުޅަހެޔޮ ހަށިހެޔޮ އީދު ފެސްޓިވަލްގެ ތެރެއިން
ދުޅަހެޔޮ ހަށިހެޔޮ އީދު ފެސްޓިވަލްގެ ތެރެއިން
ޓްވިޓަރ
ކުޅިވަރު އެސޯސިއޭޝަން
ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމައިފި
ފަސް ލައްކަ ރުފިޔާ ދޭން ފާސްކުރީ ކުޅިވަރު ކައުންސިލުން

ގައުމީ ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމުމަށް ކުޅިވަރުގެ ގައުމީ މަޖިލީހުން ރުހުން ދީފި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ފުރަތަމަ 90 ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް އިއުލާންކޮށްފައިވާ މި ވައުދު ވެރިކަމާ ހަވާލުވިތާ ހަތަރު ވަނަ ދުވަހު ފުއްދިއިރު، މިކަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ އިއުލާންކުރައްވައިފަ އެވެ.

ރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކަށް މިހާރު ވެސް ފަސް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ބަޖެޓެއް ލިބެއެވެ. އެހެންނަމަވެސް މި ނިންމުމާއެކު ކުދި އެސޯސިއޭޝަންތަކަށް ވަރަށް ބޮޑު ފައިދާއެއްކުރާނެ އެވެ. އޭގެތެރެއިން ލައްކައެއްހާ ރުފިޔާ އިން ފެށިގެން ދެ ލައްކައެއްހާ ރުފިޔާ ލިބޭ އެސޯސިއޭޝަންތަކަށް މިއީ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.

ރައީސް ސޯލިހުގެ މި ވައުދު ފުއްދެވުމުން އެ މަނިކުފާނަށް ގިނަ ބަޔަކު ތައުރީފް ކުރައްވަމުން އަންނައިރު، އެމަނިކުފާނުގެ ސަރުކާރުގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާނެ ކަމަށް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވަނީ ވައުދުވެ ވަޑައިގެންފައެވެ.

އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް ކޮމްޕެލްސްއެއް މާލެ ސަރަހައްދުގައި އެޅުމާއި ގައުމީ ޓީމުތަކުގެ މުސާރައިގެ ފަރަގުތައް ނައްތާލުމާއި، މުޅި ރާއްޖޭގައި ކުޅިވަރު އޯޑިޓެއް ހެދުމާއި، މޫދު ކުޅިވަރުގެ ކޮންވެންޝަނެއް ބޭއްވުމާއި، ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުވުމަށާއި ރޫފަ ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖައްސުން އަދި ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބޭއްވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް