ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އާދީއްތަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނު މަޤާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ އެންމެހައި އިންތިޒާމުތައް ފުރިހަމައަށް ގެންގޮސްދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ނަމޫނާ މުއައްސަސާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލު ކޮށްލެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ދެއްވެން އޮތް އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.