ދިވެހިރާއްޖެ އަލުން ކޮމަންވެލްތްގެ މެމްބަރަކަށްވުމަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމަވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ހާމަކޮށްފައިވާއިރު ހާރިޒީ ދާއިރާއިން ކުރުމަށް ނިންމާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރަކަށްވުމަށް ނިންމާފައިވެ އެވެ. އަދި އެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަސްވަރު ކުރުމަށް ނިންމާފައިވެއެވެ.
ކޮމަންވެލްތްގެ މެމްބަރެއްގެ ގޮތުގައި 34 އަހަރު ވަންދެން އޮތުމަށް ފަހު އެ ޖަމިއްޔާއިން ދިވެހިރާއްޖެ ވަކިވީ، 2016 ވަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖަލީހުގެ ޖަލްސާގައި ފާސްކޮށްގެންނެވެ. އޭރުގެ ސަރުކާރުގެ ފަރާތުން އެ ބިލް ހުށައެޅީ ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން އުޅޭ ކަމުގެ ތުހުމަތުކޮށްފައެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ކޮމަންވެލްތުން ވަކިވާން ނިންމީ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން ކަމަށްވަނީ ތުހުމަތު ކޮށްފައެވެ.
ކޮމަންވެލްތަކީ ޒަމާނުންސުރެން ވެސް ރާއްޖެއަށް އެތަށް ދާއިރާއެއްގައި އެހީތެރި ވަމުން ދިޔަ ޖަމިއްޔާއެކެވެ. ހާއްސަކޮށް ތިމާވެށީގެ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ވަނީ ފާހަގަ ކޮށްލެވޭ ވަރުގެ އެހީތެރިކަމެށް ވަނީ ފޯރުކޮށް ދީފައެވެ.