ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތް ތަކުގައި ގުރުއާން ކިޔަވައިދޭން ފަށާނެކަމަށް އިއުލާން ކުރައްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރެއިން ފުރަތަމަ 30 ދުވަހު ކުރަން ހަމަޖައްސާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުން ހިމެނެއެވެ. މީގެ އިތުރުން ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރެއިން، ފުރަތަމަ 60 ދުވަހުގެ ތެރޭގައި ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭ ގޮތައް ހަމަޖެއްސުން ހިމެނެއެވެ. ހަމަ އެއާއިއެކު ރައީސް ސޯލިހުގެ ފުރަތަމަ 90 ދުވަސް ތެރޭގައި ކަނޑައެޅޭ ވަކި މިސްކިތްތަކެއްގައި އަންހެނުންނަށް ފަސޭހަކަމާއިއެކު ނަމާދު ކުރެވޭނެގޮތް ހަމަޖެއްސުމާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖެގެ ހުރިހާ މިސްކިތްތަކެއް އޭސީ ކުރުމުގެ މަސައކަތްތައް ފެށުމަށް ވަނީ ހިމަނާފައެވެ.
ޒަމާނުއްސުރެން ރާއްޖޭގައި ގުރުއާން ކިޔަވަމުން އައީ ގުރުއާން ކްލާސްތަކަށް ގޮސްގެން ނުވަތަ ގުރުއާން ކިޔަވައިދޭ މީހަކު ކައިރިން އެކަމަށް ކަނޑައެޅޭ ފީއެއް ދައްކައިގެންނެވެ. ނަމަވެސް ސަރުކާރުން އިސްނަގައިގެން ރާއްޖޭގެ މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭ ގޮތައް ހަމަޖެއްސި މިއީ ފުރަތަމަ ފަހަރެވެ.