ފްލެޓްތައް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައި އެންމެންނަށް ހަމަހަމަކަމާއެކު ފްލެޓް ދޫކުރުމަށް އައު ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ހާމަކޮށްފައިވާ އެޖެންޑާގައި ބުނެފައިވަނީ ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް ދޫކުރުމުގެ ސަބަބުން ފްލެޓް ޙައްޤުވެ އެހެންނަމަވެސް ނުލިބިވާ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅި އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެއެވެ. އަދި ހަމަހަމަ އުޞޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރެވޭނެ ކަމަށެވެ.
އެ އެޖެންޑާގައި ބުނެފައިވާ ގޮތުގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ ކަންތައްތަކުގެ ތެރޭގައި ފްލެޓަށް އެދެން ކިއުގައި ޖެހެން ނުޖެހޭނެ ނިޒާމެއް ޤާއިމްކުރެވޭނެ ކަމަށާއި ރާއްޖޭގެ އެކި ރަށްރަށުގައި ހަދާ ނިމިފައިވީ ނަމަވެސް ހަވާލުނުކޮށް ހުރި ފްލެޓްތައް ހައްޤުވާ ފަރާތްތަކާއި ހަވާލުކުރެވޭނެ އެވެ.
މީގެ އިތުރުން ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ އަދަދެއް ކައުންސިލްތައް މެދުވެރިކޮށް އޮޅުންފިލުވާ މުޅި ރާއްޖޭގެ ހައުސިން ނީޑް އެސެސްމަންޓެއް ހަދައި އެންމެނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ މަޝްރޫއު ފެށޭނެ ކަމަށް ރައީސް އޮފީހުން ޢާއްމުކޮށްފައިވާ އެޖެންޑާގައި ވަނީ ބުނެފައެވެ.