ޓެކްސީ ބޯޑުގެ ފީ ކަނޑާލުމަށާޢި މާލޭގައި ބަސްދަތުރުތައް ފެށުމަށް އާ ސަރުކާރުން ނިންމައި އެކަން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް އެޖެންޑާ ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ހާމަކޮށްފައިވާ އެޖެންޑާގައި ބުނެފައިވަނީ ޓެކްސީ ބޯޑު ގެ ފީ ކަ ނޑާލެވޭނެ ކަމަށާއި މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ފެށުމަށް މިނީބަސް ތައާރަފްކުރެވޭނެ ކަމަށެވެ. އަދި މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް ހަދައި މާލޭގެ އެކި މަގުތަކުގައި ލޯޑިން އަންލޯޑިން އޭރިއާ ކަ ނޑައެޅުމުގެ އިތުރުން މާލެ ވަށައިގެން ދުއްވޭ ގޮތަށް ރިންގްރޯޑް ހެދޭނެކަމަށް އެއެޖެންޑާގައި ވަނީ ބުނެފައެވެ.
މާލޭގެ މަގުތަކުގެ މުޅި ޓްރެފިކް ފްލޯ އެނަލައިޒްކޮށް ގެންނަން ޖެހޭ ބަދަލު ގެނެސް ހުޅުވަން ޖެހޭ މަގުތައް ހުޅުވާލެވޭނެ ކަމަށާއި މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ހުންނަ ވެހިކަލްތައް ޤަވައިދުން ނަގަން ފެށޭނެކަމަށްވެސް ވަނީ އިއުލާންކޮށްފައެވެ.
މީގެ އިތުރުން އެއްރަށުން އަނެއް ރަށަށް ދާން ބޭނުންވާ ފަސިންޖަރުންނަށް މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ވިޔުގަ އެކުލެވިފާވާ ގޮތް އެޕެއް މެދުވެރިކޮށް ތާވަލެއްގައި ފެންނާން ބެހެއްޓޭނެ ކަމަށާއި އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ކުޑަކުރެވޭނެ ކަމަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ ކަންކަމުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މާލެ ފަޅުތެރޭން ދައުލަތުގެ ބޭނުމަށް ނެގިފައިހުރި ބައެއް ސަރަހައްދު އާންމުންނަށް ލުއިފަސޭހަވާނެ ގޮތަށް ހުޅުވާލެވޭނެ ކަމަށާއި އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިލޭ ސައިކަލު ޕާކްކުރާނެ ސަރަހައްދެއް ކަނޑައެޅޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ހުޅުލެ ފެރީތަކަށް މާލެ-ހުޅުމާލެ ފެރީ ޓާރމިނަލް ބޭނުން ކުރަން ފެށޭނެ ކަމަށާއި މާލޭގައި ސައިކަލާއި، ކާރަށާއި، ޕިކްއަޕް އަދި ލޮރީތަކަށް ޕާކިން އޭރިއާ ޒޯންކުރެވޭނެކަމަށްވެސް 100 ދުވަހު ކުރާ ކަންތައްތަކުގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.
އަދި އެއްގަމު ދަތުރުފަތުރާއި ބެހޭ ގާނޫނާއި ޤަވާޢިދު ހަރުދަނާ ކުރެވޭނެކަމަށާއި މުޅި ރާއްޖޭގެ ޓްރާންސްޕޯޓް މާސްޓަރޕްލޭން ހެދޭނެ ކަމަށްވެސް އެއެޖެންޑާގައި ވެއެވެ.