މީހަކަށް އިހުތިރާމް ކުރަން ޖެހެނީ ނަމުގެ ކުރިއަށް އަންނަ ލަޤަބެއްގެ ސަބަބުން ނޫންކަމަށާއި، މަހާރެހެންދި ނުވަތަ މެޑަމް ގެ ނަމުން މުހާތަބު ނުކުރެއްވުމަށް އެދިލައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެކަމަނާ އިތުރަށް ވިދާޅުވީ ފަޒްނާ ނުވަތަ ފަޒޫގެ ނަމުން މުހާތަބު ކުރެއްވުން އެދިލައްވާކަމަށާއި، ރައީސް ސޯލިހު ޤައުމުގެ އެންމެ އިސްވެރިޔާ ގޮތުގައި ހުންނެވި ނަމަވެސް އެކަމަނާ މެދުވެރިވެގެން ސަރުކާރުގެ ތެރެއިން ކަންކަން ކުރަން މަސައްކަތް ނުކުރެއްވުމަށް އެކަމަނާ ވަރަށް ބޮޑަށް އެދިލައްވާ ކަމަށެވެ.
ރައީސް ސޯލިހު ކުރައްވާ ކަންކަމުގައި އެކަމަނާގެ އެހީތެރިކަން ދެއްވި ކަމުގައި ވިޔަސް، ސަރުކާރު ހިންގުމުގައި އެކަމަނާގެ ނުފޫޒު އެއްވެސް ވަރަކަށް ފޯރުވުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށާއި، އެގޮތުން މިހާރުވެސް އަމިއްލަ ގޮތުން އިސްލާހީ ހަރަކާތްތަކުގައި ބައިވެރިވި ނަމަވެސް ޕޮލިސީ ލެވެލްއެއްގައި ކަންކަމަށް ފާޑުވިދާޅުނުވާކަން ފަޒްނާ ވަނީ ފާހަގަކުރައްވާފައެވެ.
ސިޔާސީ ދާއިރާއިން ކުރިޔައް ދިއުމަށް އެއްވެސް ވަރަކަށް ޝައުޤުވެރިކަމެއް ނެތް ކަމަށް ފާހަގަ ކުރައްވަމުން ފަޒްނާ ވިދާޅުވީ ސަރުކާރުގެ އެއްވެސް މަޤާމެއް ބޭނުންފުޅު ނުވާ ކަމަށާއި އިޖުތިމާއީ ކަންކަމުގައި އަބަދުވެސް އުޅުއްވަން ބޭނުންފުޅު ވާކަމަށެވެ. އެގޮތުން ނަފްސާނީ ބަލިތަކަށް އިސްކަން ދިނުމާއި، ޗައިލްޑް ޕްރޮޓެކްޝަންއާއި، ކެންސަރ ސޮސައިޓީފަދަ އިޖުތިމާއީ ކަންކަމަށް ވަރަށްބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި މަގުމަތީގައި ވަޒީފާއެއްނެތި އުޅޭ މީހުންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަކީ އެންމެ ބޮޑަށް ވިސްނަވާ އެއް ކަންތައް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުވާކުރައްވާފައިވާއިރު، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ނަފްސާނީ ބަލިތަކާއި އިޖުތިމާއީ ކަންތައްތަކަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.