އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
މޯދީ ރައީސް އޮފީހަށް ވަޑައިގެން ވަނީ ރައީސް އޮފީހުގެ މެހެމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ. ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި މޯދީ ވަނީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވުމާ ގުޅިގެން އެކަމާ މަރުހަބާ ދަންނަވާފައެވެ. މީގެ އިތުރުން ގައުމުގެ އަމަން އަމާން ކަމާއި ރައްކާތެރި ކަމަށް ގައުމުގެ ރައްޔިތުންނަށް ނިންމި ނިންމުމަށް ވަނީ މަރުހަބާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް މި ސަރަހައްދުގެ އަމާންކަން ދަމަހައްޓާނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ގައުމު ތަރައްގީ ކުރުމުގައާއި ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ނަރުދަމާގެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި އިންޑިއާގެ ދައުރުގެ މުހިއްމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އިންޑިއާ އިން ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީން ގޮތުން އެއްބާރުދެއްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އިންޑިއާ އޮތްކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖޭގައި އިންވެސްޓްމެންޓްތައް އިތުރު ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖޭގެ ފޮރިންގ މިނިސްޓަރު މިމަހުގެ 26 ވަނަ ދުވަހު އިންޑިއާއަށް ދަތުރުކުރައްވާނެއެވެ. އެދަތުރުފުޅުގައި އިންޑިއާގެ ސަރުކާރާ އެކު މަޝްވަރާ ކުރެވުނު ކަންކަމަށް އަމަލީ ސިފަ ގެންނާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު އަރުވާރައެވެ. މި ދައުވަތު މޯދީ ވަނީ ގަބޫލުފުޅުކުރައްވާފައެވެ.