ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަދި ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް ވެސް މަޖިލީހުން އިސްތިއުފާ ދެއްވައިފިއެވެ.
މަހުލޫފު އިސްތިއުފާ ދެއްވުމަށް ފަހު ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން ގަލޮޅު ދެކުނުގެ ރައްޔިތުން ކުރި އިތުބާރާއި، ދިން ތާއީދާއި، އިހުލާސްތެރިކަމާ އެކު ޝަކުރު އަދާކުރާ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި މައިގަނޑު ސަަބަބެއް ހާމައެއް ނުކުރައްވައެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި މާރިޔާ ވެސް ވަނީ މެންބަރުކަމުން އިސްތިއުފާ ދެއްވައި ސިޓީ ފޮނުއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން މަހުލޫފު ދެ ދައުރު އަދާ ކުރައްވާފައިވާ އިރު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައި ވެސް މަހުލޫފު ވަނީ މެންބަރުކަން އަދާކުރެއްވިއެވެ.
މާރިޔާ އާއި މަހްލޫފް އަދި ފައްޔާޒް މެންބަރުކަމުން އިސްތިއުފާ ދެއްވި އިރު އެ ތިން ބޭފުޅުން އާ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. އެ ގޮތުން މާރިޔާ ވަޑައިގަންނަވަނީ ޑިފެންސް މިނިސްޓަރަށް ކަމަށާއި މަހްލޫފް ވަޑައިގަންނަވަނީ ޔޫތު މިނިސްޓަރަށް ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.
މީގެ އިތުރުން މަޖިލީހުގެ ބައެއް އެހެން މެންބަރުން ވެސް ކެބިނެޓަށް ވަޑައިގަންނަވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެ ގޮތުން ފޮރިން މިނިސްޓަރުކަމަށް ރައީސް މައުމޫނުގެ ދައުރުގައި ވެސް ވަޒީރަކަށް ހުންނެވި އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ. ޝާހިދު ވެސް ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.
އާ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކީ ފައްޔާޒް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.